English Edition
Dhivehi Edition
މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް 4-0 އިން ހޯދީ މޮޅާއެކު މެންޗެސްޓާ ސިޓީން ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ.

މިއާއެކު ލިވަޕޫލުން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ނިންމާލަންޖެހިފައިވަނީ މޮޅެއް ނުހޯދިއެވެ. މިއީ ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ލީގުގައި ޖެހިޖެހިގެން ތިން މެޗު ލަނޑެއް ނުޖައި ލިވަޕޫލުން ނިންމާލި ފުރަތަމަ ފަަހަރެވެ.

ރޭގެ ނަތީޖާއާއެކު ޔުނައިޓެޑަށް 18 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސިޓީ އެވެ. ލެސްޓާ ސިޓީ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ލިވަޕޫލް އޮތީ 34 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ގިނަވަގުތު ބޯޅަ ގެންގުޅެ ރަނގަޅު ހަމަލާތަކެއް އުފައްދާފައިވީނަމަވެސް ޔުނައިޓެޑްގެ ޑިފެންސްލައިން ފޫއަޅުވާލުމުގައި ކާމިޔާބުވާގޮތެއްނުވިއެވެ. އެ ޓީމުގެ އެންޑީ ރޮބަޓްސަން ފޮނުވާލި ހަމަލާ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށްދިޔައިރު، ރޮބާޓޯ ފިރްމީނޯ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ. މި ހާފުގައި ޔުނައިޓެޑަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ހިލޭޖެހުމަކުން ބްރޫނޯ ފެނާންޑޭސް ފޮނުވާލި ބޯޅަ ގޯލަށް ނުވަނީ ހަމަކިރިޔާއެވެ.

ކްރިސްޓަލް ޕެލަސް ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓާ ސިޓީގެ ޖޯން ސްޓޯންސް އުފާ ފާޅުކުރަނީ. –ފޮޓޯ: ޓުވިޓާ

ދެވަނަ ހާފުގެ ކުރީކޮޅު ފިރްމީނޯ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ބްލޮކްކުރިއިރު މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އާއި ތިއާގޯ އަލްކަންތާރާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މިހާފުގައި ޔުނައިޓެޑްގެ ފެނާންޑޭސް އާއި ޕައުލް ޕޮގްބާ ފޮނުވާލި ހަމަލާތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

ލީގުގައި ރޭ ޕެލަސްއާ ދެކޮޅަށް ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން އިނގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސް ވަނީ ދެލަނޑުޖަހާފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އިލްކާއި ގޮންޑޮގާން އާއި ރަހީމް ސްޓާލިން އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ތާވަލްގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާ ވަނީ 3-1 އިން މޮޅުވެފައެވެ. ޓޮޓެންހަމްގެ ލަނޑުތައް ޖަހައިދިނީ ސާޖް އޯރިއޭ އާއި ހެރީ ކޭންގެ އިތުރުން ޓެންގީ އެންޑޮމްބެލޭ އެވެ. ޝެފީލްޑްގެ ހަމައެކަނި ލަނޑުޖަހައިދިނީ ޑޭވިޑް މެކްގޯލްޑްރިކް އެވެ.