އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ހުޅުވާލައިފިއެވެ.
މަދަނީ ޖަމްޢިއްޔާ ތަކަށް ދޫކުރެވޭ ގްރާންޓް އަދި ސްމޯލް ޕްރޮޖެކްޓް ގްރާންޓް ޕްރޮގްރާމްގެ ދަށުން ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަނޑިއަކީ 28 ފެބްރުއަރީ 2021 އެވެ. ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް ގެ ދަށުން 200،000 ރުފިޔާ ހަމަޔަށް ފައިސާގެ އެހީ ލިބިގެންދާއިރު، ސްމޯލް ޕްރޮޖެކްޓް ގްރާންޓްގެ ދަށުން 50،000 ރުފިޔާގެ އެހީ ދޭން މިނިސްޓްރީން ވަނީ ނިންމާފައެވެ. ޕްރޮޕޯސަލް ހުށައަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.
އެ މިނިސްޓްރީން ބުނީ ކޮންމެ ޖަމްޢިއްޔާއަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލްކަމަށާއި ޕްރޮޕޯސަލް ހުށަހަޅަންވާނީ މިނިސްޓްރީން ދީފައިވާ ޓެމް ޕްލޭޓާއި އެއްގޮތަށް ދިވެހި ބަހުންކަމަށެވެ. ޔޫތު މިނިސްޓްރީން ވިދާޅުވީ އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަނި ކަމަށާއި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކާއި، އަދި ރަށު/އަތޮޅު/ސިޓީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ޙާޞިލުކުރުމަށް އެހީތެރިވެދޭ މަޝްރޫޢުތައް ހިންގުމަށް ކަމަށެވެ.
އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mvގައި ވެސް ޝާއިޢުކޮށްފައި ވެއެވެ. އިތުރު މަޢުލޫމާތު ސާފު ކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ 7662474، 7556883،7905784 ނަންބަރާއި ގުޅުމުން ލިބިގެން ދާނެއެވެ،