English Edition
Dhivehi Edition

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) ގެ އެމްޑީ މޫސާ އަލިމަނިކު( މޫކޭ) ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވާ ރަށްރަށުގައި އެ ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވާލައްވައިފިއެވެ.

އާރް.ޑީ.ސީ ގެ އެމްޑީ ހުވަދޫ އަތޮޅަށް ކުރެއްވި ދަތުރު ފުޅުގައިި އެމްޑީ އާއި އެކު އާރް.ޑީ.ސީ ގެ ޕްރޮޖެކްޓް މެނޭޖަރ އިސްމާއިލް މިއުރާޖް ބައިވެރިވެ ވަޑައިގެންނެވިއިރު މިދަތުރުގައި ގދ. ގައްދޫ އަދި ގދ. ތިނަދޫ އަދި ގދ. ހޯޑެއްދޫ، އަދި މަޑަވެއްޔަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. . އެމްޑީގެ މިދަތުރުފުޅުގައި މިހާރު ގދ. ގައްދޫގައި ކުރިއަށްދާ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫއު އާއި‏ ‏ގ. ތިނަދޫ ‎ހައުސިންޔުނިޓް ތަކުގެ ލޭންޑް ސްކޭޕިންގް މަޝްރޫއު ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ. އަދި ގދ. މަޑަވެލި ހޯޑެއްދޫ ކޯސްވޭގެ ހާލަތުވެސް ވަނީ ބައްލަވާލައްވާފައެވެ.

މޫސާ އަލިމަނިކު ގެ މި ދަތުރުގައި މިރަށްތަކު ގައި ކުރިއަށްދާ ޕްރޮޖެކްޓް ތަކާއި ބެހޭ ގޮތުން މިރަށްތަކުގެ ކައުންސިލާއި މަޖިލީސް މެމްބަރުންނާއި އަދި ރަށްތަކުގެ އާރް ޑީ ސީ މެނޭޖްމަންޓާއި ބައްދަލުކޮށްފައިވާއިރު އާރް.ޑީ.ސީ ގެ މަސައްކަތްތައް ކުރިއަށް އޮތްތާނގައި ކުރިއަށް ގެންދާނެ ގޮތާއި މެދުވެސް ވަނީ މަޝްވަރާކޮށްފައެވެ.

އާރް.ޑީ.ސީގެ އެމްޑީ ވަނީ މިދަތުރުގައި އެ ކުންފުނީގެ މުއައްޒަފުންނާއި ބައްދަލުކޮށް މުއައްޒަފުންނަށް ވަޒީފާގެ މާހައުލުގައި ހުރި ދަތިތަކާއި ގުޅޭ ގޮތުން ވާހަކަދައްކާ އެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. މި ބައްދަލުވުމުގައި އެމްޑީ ވިދާޅުވީ އެ ކުންފުނީގެ މުއައްޒަފުންގެ މައިގަނޑު ޝަކުވާއެއް ކަމުގައިވާ ސަޕޯޓް ސްޓާފުންގެ މުސާރަ ކުޑަ ކަމުގެ ޝަކުވާ ވަރަށް ކައިރިން އަޑުއިވިއްޖެ ކަމާއި މިހާރު ލިބޭ މުސާރައަކީ އެންމެ ހައްޤު މިންވަރު ނޫންކަން ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެ ކުންފުނީގެ މުއައްޒަފުން ލިބޭ އާމްދަނީއިން ދެކޮޅު ޖެހިގެން މީހަކަށް ދަރަނިވެރި ނުވެ އުޅެވޭނީ ކިހާ ވަރެއްގެ މުސާރައެއް ލިބިގެން ތޯ މަޝްވަރާ ކުރެވިފައިވާއިރު އެންމެ ދަށް ރޭންކް ގައިވާ ސަޕޯޓް ސްޓާފަށް އެލެވެންސް އާއި އެކު ކޮންމެ މަހަކުވެސް އަށްހާސް ރުފިޔާއަށް ވުރެ މަދު ނުވާނެ މުސާރައެއް ވަރަށް އަވަހަށް ހަމަޖައްސާ ދޭނެ ކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެމްޑީ ވިދާޅުވީ މުއައްޒަފުންގެ ހިތްހަމަޖެހުމަކީ މެނޭޖްމަންޓުގެވެސް ހިތްހަމަޖެހުން ކަމަށާއި ، ޔަގީނުންވެސް މުއައްޒަފުންނަށް ހައްޤު މިންވަރެއް ހޯދާ ދެވުމަކީ ކުންފުނީގެ މަސައްކަތުގެ ސްޕީޑްވެސް މިހާރަށްވުރެ ރަގަނޅު ވާނެ ކަމެއް ކަމަށް ޤަބޫލް ކުރައްވާ ކަމަށެވެ.

ސަރުކާރުގެ 100 ޕަރސެންޓް ހިއްސާ އޮންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް ޑީ ސީ ) އަކީ 100 ޕަސަންޓް ދިވެހިންނާ އެކު ކުރިއަށް ގެންދަން އަމާޒު ހިފާފައިވާ ކުންފުންޏެކެވެ. އާރް ޑީ ސީ އާއި ހަވާލުވުމަށް އެ ކުންފުނީގެ އެމްޑީ ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީންނާއި ނުލާއި ކުންފުނި ހިންގުންކަމަށެވެ. ނަމަވެސް އެއީ ކުށްހީއެއް ކަމަށް އާރް ޑީ ސީ ގައި މަސައްކަތް ކުރާ ކޮންމެ ދިވެހި މުވައްޒަފަކުވެސްވަނީ ސާބިތުކޮށްދީފައެވެ.