English Edition
Dhivehi Edition

ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 3-2 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް ބާސެލޯނާ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނުކުޅެއެވެ. މީގެއިތުރުން، އެ ޓީމުގެ އިތުބާރު ސެންޓްރަލް ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް މިވަގުތު ހުރީ އަނިޔާގައެވެ.

ރޭގެ މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ކުޅެވުނު އިތުރުވަގުތުގެ ދެ ހާފަށް ފަހު ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ. ބާސެލޯނާ އިން ލީޑްނެގީ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ އެންޓޮއިން ގްރީޒްމަން އާއި މާޓިން ބްރެއިތުވެއިޓް ގުޅިގެން އުފެއްދި ހަމަލާއަކުން ޑި ޔޯން ކާމިޔާބުކުރި ގޯލެކެވެ.

ނަމަވެސް، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ބާސެލޯނާގެ ޕެނަލްޓީއޭރިޔާތެރެއިން ޑި ޔޯންގެ އަތުގައި ބޯޅައިން ޖެހުމުން ލިބުނު ޕެނަލްޓީއަކުން ސޮސިއެޑާޑްގެ މިކޭލް އޮޔަޒަބާލް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ބާސެލޯނާ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ޑި ޔޯން އާއި ގްރިޒްމަން އަތުން ނާކާމިޔާބުވިއިރު އޮސްމާނޭ ޑެމްބެލޭ އާއި މިރެލަމް ޕިޔަނިޗް އަދި ރިކަޑް ޕުއިގް ކާމިޔާބުކުރިއެވެ. ސޮސިއެޑާޑްގެ ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އަދުނާން ޖަނުޒާއީ އާއި މިކޭލް މަރީނޯ އަށް އެކަންޏެވެ. ވިލިއަން ހޯސޭ އާއި އޮޔަޒަބާލްގެ އިތުރުން ޖޮން ބައުޓިސްޓާ އަށް ޕެނަލްޓީ ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގައި ބާސެލޯނާ ނިކުންނާނީ މިރޭ ކުޅެވޭ ސެމީގެ ދެވަނަ މެޗުގައި ވާދަވެރި ރެއާލް މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ކުރެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.