English Edition
Dhivehi Edition
ފުވައްމުލައް ސިޓީގެ މާނޭރެ އާއި އަދި ވެސް ފުވައްމުލަކުގައި ކަނޑާފައިވާ މިފަދަ ނެރުތައް ބަންދުކުރުމަށް އެދި ހެދި ޕެޓިޝަން 2132 މީހުންގެ ސޮޔާއެކު ފުވައްމުލައް ސިޓީ ކައުންސިލަށް ހުށަހަޅައިފިއެވެ.
ފުވައްމުލަކުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށް ވާ “ވަން ފުވައްމުލައް” އިން އިސްނަގަގެން ތައްޔާރުކުރި މި ޕެޓިޝަން މިއަދު ވަނީ ފުވައްމުލައް ސިޓީގެ މޭޔަރ ފަލާޙް ޝަރީފާއި ހަވާލުކޮށްފައެވެ. ޕެޓިޝަން ކައުންސިލާ ހަވާލުކޮށް ދިނީ މާނޭރު ނެރުގެ މޫދަށް ގެނބިގެން އަޙްމަދު ފައުޒަން ގެ އެންމެ ގާތް ދެ ރަޙްމަތް ތެރިންނެވެ.
މާނޭރެ ސަރަހައްދުގައި މި މަހުގެ 9 ވަނަ ދުވަހު ގެނބިގެން ކުއްޖަކު މަރުވި މައްސަލައާއި ގުޅިގެން ތައްޔާރުކުރި މި ޕެޓިޝަނުގައި ބުނެފައިވަނީ ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގައި މީގެ ކުރިން ހަދާފައިވާ ނެރު ތަކަކީ އެތަންތަނުގައި މިފަދަ ގިނަ ނުރައްކާތެރި ހާދިސާތައް ހިނގައި ގިނަ ބަޔަކު މަރުވެފައިވާ ތަންތަން ކަމަށެވެ. އަދި މިހާރުވެސް އެ ތަންތަނަށް އާންމު ރައްޔިތުން ނާއި ރަށަށް ޒިޔާރަތް ކުރާ މީހުން މޫދަށް ގޮސް އެރޭ ކަމަށެވެ.
އަދި ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅުން ހުރި މުއައްސަސާތަކުން މިކަމަށް ވީހާ އަވަސް ހައްލެއް ހޯދައި މާނޭރެ އާއި އަދިވެސް ފުވައްމުލަކުގައި ހުރި މިފަދަ ނެރުތައް ބަންދުކޮށް ދިނުމަށް މި ޕެޓިޝަނުގައި ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދުތަކަށް ފަތަން ދާ މީހުންނަށް އެނގޭނެ ހެން މިތަން ތަނަކީ މޫދަށް ފޭބުމަށް ރައްކާތެރި ތަންތަން ނޫންކަން އެނގޭނެ ފަދަ ސައިން ބޯޑުތައް ހަރުކޮށް ދިނުމަށް ވަނީ އެދިފައެވެ.
މި ޕެޓިޝަން ހަވާލުކުރުމަށް މިއަދު ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި މޭޔަރ ފަލާޙް ވަނީ ޕެޓިޝަނުގައި ހިމަނާފައިވާ ކަަންކަން ހައްލުކޮށް ދެއްވުމަށް ސިޓީ ކައުންސިލް އިން މަސައްކަތް ކުރައްވަވާނެ ކަމަށެވެ.
ފުވައްމުލަކުގެ ފުއްޓަރު ފަރާތުގައި ކަނޑާފައިވާ ނެރުތަކަކީ މަރުގެ ދަންތުރަ ތަކެއް ކަމަށް އެ ރަށުގެ ގިނަ ބަޔަކު ސިފަކުރެއެވެ. ގޮތް ނޭނގޭ ބާރު އޮއިވަރެއް ދެމޭ މިތަނަކީ ޚާއްޞަކޮށް ދިޔަވަރު ހިކި ގަޑިތަކުގައި ވަރަށް އޮއިބާރު ތަނެއް ކަމަށާއި ރާޅާ އެކު ދަމައިގަންނަ އިރު ދެފަރާތު ފަރުމަތިން އޮންނަ ލޮނުގަނޑު ދަމައިގެން ގެންދަނީ ނެރުގެ އެތެރެއަށް ކަމަށް ވެއެވެ. އަދި އެވަގުތު އުނަގަނޑާ ހިސާބަށް އޮންނަ ދިޔައިގައި ވެސް ސަލާމަތް ވުމަކީ އުނދަގޫ ކަމެއް ކަމަށް ރަށުގެ ގިނަ ބަޔަކު ބުނެއެވެ.

1 ކޮމެންޓް
ވަހީދާ
ޖެނުއަރީ 13, 2021
ކައުންސިލުން ތިތާނގައި ކަމެއް ކުރާނެބާ