English Edition
Dhivehi Edition
ފައުޒަން ގެއްލުނު ޚަބަރާއެކު ރަށުގެ ރައްޔިތުން މާނޭރަ ސަރަހައްދަށް އެއްވެފައި: ފޮޓޯ އޭއޯ ނިއުސް

ފުވައްމުލައް ސިޓީގެ މާނޭރެ އާއި އަދި ވެސް ފުވައްމުލަކުގައި ކަނޑާފައިވާ މިފަދަ ނެރުތައް ބަންދުކުރުމަށް އެދި ފުވައްމުލަކުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވަން ފުވައްމުލަކުން ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.

މާނޭރެ ސަރަހައްދުގައި މި މަހުގެ 9 ވަނަ ދުވަހު ގެނބިގެން ކުއްޖަކު މަރުވި މައްސަލައާއި ގުޅިގެން ޕެޓިޝަން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެ ޕެޓިޝަނުގައި ބުނެފައިވަނީ ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގައި މީގެ ކުރިން ހަދާފައިވާ ނެރު ތަކަކީ އެތަންތަނުގައި މިފަދަ ގިނަ ނުރައްކާތެރި ހާދިސާތައް ހިނގައި ގިނަ ބަޔަކު މަރުވެފައިވާ ތަންތަން ކަމަށެވެ. އަދި މިހާރުވެސް އެ ތަންތަނަށް އާންމު ރައްޔިތުން ނާއި ރަށަށް ޒިޔާރަތް ކުރާ މީހުން މޫދަށް ގޮސް އެރޭ ކަމަށެވެ.

އަދި ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅުން ހުރި މުއައްސަސާތަކުން މިކަމަށް ވީހާ އަވަސް ހައްލެއް ހޯދައި މާނޭރެ އާއި އަދިވެސް ފުވައްމުލަކުގައި ހުރި މިފަދަ ނެރުތައް ބަންދުކޮށް ދިނުމަށް މި ޕެޓިޝަނުގައި ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދުތަކަށް ފަތަން ދާ މީހުންނަށް އެނގޭނެ ހެން މިތަން ތަނަކީ މޫދަށް ފޭބުމަށް ރައްކާތެރި ތަންތަން ނޫންކަން އެނގޭނެ ފަދަ ސައިން ބޯޑުތައް ހަރުކޮށް ދިނުމަށް ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ފުވައްމުލަކުގެ ޑެޕިޔުޓީ މޭޔަރ ޟިރާރު “އޭއޯ ނިއުސް” އަށް ވިދާޅުވީ އެތަނަކީ އެހާ އާއްމުކޮށް އަރައި ފޭބުމަށް ބޭނުންކުރާ ތަނެއް ނޫން ނަމަވެސް ދޭތެރެ ދޭތެރެއިން އެތަން ބޭނުންކުރަން ޖެހޭ ކަމަށެވެ. އަދި ފައުޒަން ނިޔާވި ހާދިސާއަށްފަހު އެ ނެރު ބަންދުކުރަން އެކި ފަރާތްތަކުން އެދެމުން އަންނަ ކަމަށާއި ނަމަވެސް ނެރު ބަންދުކުރުމަކީ މުޅިން އޮތް ހައްލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޟިރާރު ވިދާޅުވިއެވެ.

ޟިރާރު ވިދާޅުވީ މާނޭރު ނެރު ބަންދުކުރުމުގެ ބަދަލުގައި އެތަނުގެ އޮއިވަރު ހުންނަ ގޮތުން ފޭބުމަކީ ނުރައްކާތެރިކަން އެނގޭނެ ގޮތެއް ހުންނަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ފުވައްމުލަކުގައި މޫދަށް އެރުމާއި ފެތުމަށް ބޭނުންވާ މީހުންނަށް ސުވިމިންގ ޕޫލެއް ހެދިގެން ދިއުމަކީ މިކަމަށް އޮތް ހައްލު ކަމަށް ޟިރާރު ވިދާޅުވިއެވެ.

ފުވައްމުލަކުގެ ފުއްޓަރު ފަރާތުގައި ކަނޑާފައިވާ ނެރުތަކަކީ މަރުގެ ދަންތުރަ ތަކެއް ކަމަށް އެ ރަށުގެ ގިނަ ބަޔަކު ސިފަކުރެއެވެ. ގޮތް ނޭނގޭ ބާރު އޮއިވަރެއް ދެމޭ މިތަނަކީ ޚާއްޞަކޮށް ދިޔަވަރު ހިކި ގަޑިތަކުގައި ވަރަށް އޮއިބާރު ތަނެއް ކަމަށާއި ރާޅާ އެކު ދަމައިގަންނަ އިރު ދެފަރާތު ފަރުމަތިން އޮންނަ ލޮނުގަނޑު ދަމައިގެން ގެންދަނީ ނެރުގެ އެތެރެއަށް ކަމަށް ވެއެވެ. އަދި އެވަގުތު އުނަގަނޑާ ހިސާބަށް އޮންނަ ދިޔައިގައި ވެސް ސަލާމަތް ވުމަކީ އުނދަގޫ ކަމެއް ކަމަށް ރަށުގެ ގިނަ ބަޔަކު ބުނެއެވެ.

މާނޭރަކީ ފުވައްމުލަކުގައި މިހާރު އޮންނަ ޒަމާނީ މައިބަނދަރު ހެދުމުގެ ކުރިން އިރުވައި މޫސުމުގައި މަސްވެރިންނާއި ދަތުރުވެރިންގެ އެންމެ މުހިއްމު އެއް ބަނދަރެވެ. މި ބަނދަރުން ވަދެ ނިކުމެ އުޅޭ އުޅުމުގައި ދޯނިފަހަރާއި ބޮއްކުރާ ފަހަރު ފެތިގެން މީގެ ކުރިން ވެސް އެތަކެއް ބަޔަކު ވަނީ އެތަނަށް ޣަރަގުވެފައެވެ.