English Edition
Dhivehi Edition

ފުވައްމުލައް ސިޓީ ގައި އިއްޔެ ގެނބިގެން ނިޔާވި އަޙްމަދު ފައުޒަން އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައިކަމަށާއި އޭނާގެ އެ ޤުރުބާނީން ޤައުމު ރޮއްވައިލައިފި ކަމަށް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފައުޒަން ގެ މަރާ ގުޅިގެން ކުރެއްވެވި ޓުވީޓުގައި ރައީސް ވަނީ ފައުޒަން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވާފައެވެ.

ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10 އެއްގައި ކިޔަވަމުން ދިޔަ އެރަށު ދޫނޑިގަން ، ޔޫރޯ އަޙްމަދު ފައުޒަން ގެ މަރާ ގުޅިގެން ނައިބް ރައީސް ފައިސަލް ނަސީމާއި އެޑިޔުކޭޝަން މިނިސްޓްރީންނާއި ގިނަ މުއައްސަސާ ތަކަކުން ވަނީ ތައުޒިޔާގެ މެސެޖް ފޮނުވާފައެވެ.

ރައީސް ސޯލިޙްގެ ޓްވީޓް ރީޓުވީޓް ކުރައްވަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވެފައިވަނީ ފުވައްމުލަކު ސްކޫލްގެ ދަރިވަރު އަޙްމަދު ފައުޒަން އެންމެފަހު ވަގުތުވެސް ދައްކުވައިދިނީ، ތިމާގެ އަމިއްލަ ނަފުސަށް ވުރެ އެނެކާ ސަލާމަތް ކުރުމުގެ ވަރުގަދަ ހިތްވަރުކަމަށެވެ.

ފުވައްމުލަކު މާނޭރެ ސަރަހައްދަށް އިއްޔެ ރައްޓެހި ކުދިންތަކަކާއެކު ދިޔަ ފައުޒަން ގެނބިގެން ދިޔައީ ރަޙްމަތްތެރިކުދިން ތަކެއް ސަލާމަތް ކުރުމަށް ކުރި މަސައްކަތުގައެވެ. ހިތްވަރުގަދަކަމާއި އޯގާތެރި ކަމުގެ ނަމޫނާއެއް ދައްކަމުން ފައުޒަން ދުނިޔެއާއި ވަކިވެގެން ދިޔައީ ގިނަ ބަޔަކަށް މިސާލު ދައްކަމުންނެވެ. އަމިއްލަ ފުރާނައަތް މައްޗަށް ލައިގެން ވެސް އަނެކާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ހިތްވަރު ކުރި ޒުވާން ކުއްޖެއްގެ ގޮތުގައެވެ.

ފުވައްމުލަކު މާނޭރެ ސަރަހައްދަކީ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުގެ ރެކޯޑް އޮންނަ ސަރަހައްދެއް ކަމުގައި ވީނަމަވެސް މިއީ ފުވައްމުލަކުގެ ގިނަ ބަޔަކު މޫދަށް އެރި އުޅޭ ސަރަހައްދެކެވެ. މިތަނުގައި އަމިއްލަ އަށް ކޮނެގެން ހަދާފައިވާ ނެރުތަކެއް ހުރުމުގެ ސަބަބުން އާންމުކޮށްވެސް އެސަރަހައްދަށް އެރޭ މީހުން އޮޔާ ދަމައިގެން ދެއެވެ.