English Edition
Dhivehi Edition
ނިއުކާސަލް ޔުނައިޓެޑް ކޮޅަށް އާސެނަލްގެ ފުރަތަމަ ލަނޑު، އެމީލް ސްމިތު ރޯވް(ކ) ފޮނުވާލަނީ. --ފޮޓޯ: ޓުވިޓާ

އިނގިރޭސި އެފްއޭކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް އެ މުބާރާތުގެ އަނެއް ބުރަށް ދަތުރުކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ އިތުރުވަގުތުގައި ވައްދާލި ލަނޑުތަކާއެކު 2-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން އެ ޓީމު މޮޅުވިއިރު، އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 1-0 އިން ވަޓްފޯޑް ބަލިކޮށްފައެވެ.

ރޭގެ މެޗަށް އާސެނަލް ނިކުތްއިރު ފުރަތަމަ އެގާރައިގައި ހިމެނުނު ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއެލް މާޓިނެއްލީ ވަނީ މެޗުގެ ކުރީން ބޭއްވުނު ވޯމް-އަޕްގައި އަނިޔާވެފައެވެ. ދާދިފަހުން ކަކުލު ހުޅުގެ އޮޕަރޭޝަނަކަށްފަހު އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރިއައި މާޓިނެއްލީގެ ފައިގެ ކުޑަހުޅަށް މި ލިބުނު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް ކަށަވަރުވެފައިނުވާކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިއިރު، ދެވަނަ ހާފުގެ ކުރީކޮޅު ނިއުކާސަލްގެ އެންޑީ ކެރޯލް އަށް ވަނީ އެ ޓީމު މޮޅުކޮށްދިނުމަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ.

ވަޓްފޯޑް ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ އުފާ ފާޅުކުރަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

އޭގެފަހުން، މެޗުގެ އެންމެ ފަހު މިނެޓުގައި ކެރޯލް ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ބާންޑް ލެނޯ މަތަކުރިއިރު، ދެވަނަ ފަހަރަށް ނިއުކާސަލްގެ ކުޅުންތެރިއަކު ފޮނުވާލުމުގެ ކުރީން ލެނޯ އެ ބޯޅަ ސަލާމަތްކުރިއެވެ. ރޭގެ މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުތް އާސެނަލްގެ އެމީލް ސްމިތު ރޯވް އަށް ރެފްރީ ސީދާ ރަތެއް ދެއްކުމަށްފަހު ވީއޭއާރްގެ އެހީ ހޯދުމަށްފަހު ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

މި މެޗުގައި އާސެނަލުން ޖެހި ދެލަނޑުވެސް ކާމިޔާބުކުރި އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ކުޅެވުނު ފަހު ހާފުގައެވެ. އެގޮތުން، އިތުރުވަގުތުގެ ދެވަނަ ހާފުގައި ކުޅެން ނިކުތް ފޯވާޑް އަލެކްސެންޑާ ލަކަޒޭ ބޮލުން ޖައްސާލި ޕާހަކުން އާސެނަލްގެ ފުރަތަމަ ލަނޑު، މެޗުގެ 109 ވަނަ މިނެޓުގައި ޖަހައިދިނީ ސްމިތު ރޯވް އެވެ. އޭގެފަހުން، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ފަހު ލަނޑުޖަހައިދިނީ ކިއެރަން ޓިއާނީ ނަގައިދިން ހުރަހަކުން ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އެވެ.

އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. ރޭގެ މެޗަށް ޔުނައިޓެޑުން ނިކުތީ އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނެމުން އަންނަ ގިނަ ކުޅުންތެރިންތަކަކާ ނުލައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލެސްޓާ ސިޓީން ވަނީ ރަށުން ބޭރުގައި 4-0 އިން ސްޓޯކް ސިޓީ ބަލިކޮށްފައެވެ. ބްރިސްޓަލް ރޯވާސް އަތުން 3-2 އިން ޝެފީލްޑް ޔުނައިޓެޑް މޮޅުވިއިރު، ބާންލީ ވަނީ ޕެނަލްޓީ ޖަހައިގެން 4-3 އިން އެމްކޭ ޑޯންސް ބަލިކޮށްފައެވެ. ބްލެކްޕޫލްއާ ދެކޮޅަށް ވެސްޓް ބްރޮމް ކުޅުނު މެޗު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި ބްލެކްޕޫލް މޮޅުވީ 3-2 އިންނެވެ. ރޮތަހަމް އަތުން އެވަޓަން މޮޅުވީ 2-1 އިންނެވެ.