ގއ. ވިލިނގިލީ ޔޫތު ސެންޓަރ ގެ ފުޓްސެލް ދަނޑުގައި އޮތް މެޓެއްގައި އަލިފާން ރޯކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ މިއަދު 19.54 އެހާކަށްހާއިރު މެޓްގައި އަލިފާން ރޯކުރި މައްސަލަ އެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މި މައްސަލަ ތަޙުގީގު ކުރަމުން އަންނަ ކަމަށެވެ.
އަލިފާން ރޯވި ސަރަޙައްދަށް ގޮސް ފުލުހުންނާއި ޢާއްމު ރައްޔިތުން ގުޅިގެން އަލިފާން ނިއްވާލާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އޭއޯ އަށް މައުލޫމާތު ދެއްވަމުން އެވަގުތު އެތަނުގައި ހަރަކާތްތެރިވި ފަރާތަކުންބުނިގޮތުގައި ދަނޑުގައި ރޯކޮށްފައިވަނީ މިރޭ 7:30 ހާކަންއިރުގައެވެ. އަލިފާން ރޯވެފައި ހުއްޓާ ފެނިގެން އަވަހަށް އަލިފާންގަނޑު ނިއްވުމަށް ހަރަކާތް ތެރި ވީކަމަށެވެ. އަދި ހަމަ އެސަރަހައްދުގައި ޕެޓްރޯލުގެވަސް ހުރިކަމަށް މައުލޫމާތު ދެއްވި ފަރާތުން ވަނީ ބުނެފައެވެ. ރޯވި އަލިފާންގަނޑު ދަނޑުގެ ބޮޑުބަޔަކަށް ފެތުރިގެން ނުދަނީސް ވަނީ އެސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވި އާންމު ރައްޔަތުންނާއި ކޮމިޔުނިޓީ ސެންޓަރުގެ މުވައްޒަފުން އަލިފާންގަނޑު ނިއްވާލާފައެވެ.
މިދަނޑަކީ މެޓް ފުޓްސަލް ދަނޑެކެވެ. މިއީ ވިލިނގިލީގެ ފުޓްބޯޅަ އަށް ލޯބިކުރާ ކުޑަކުދިން ނާއި ޒުވާނުން ފުޓްބޯޅަ ކުޅެން އޮންނަ ހަމައެކަނި ދަނޑުވެސް މެއެވެ.