English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުދޫ އަވަށުގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ޢިމާރާތްކުރުމަށް ރަޖިސްޓަރީކޮށްފައިވާ ބިމުގައި ހުރި ރުއްތަކުގެ ވެރިފަރާތެއްވޭތޯ ބެލުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ބިމުގައިވާ 1 ން 15 ށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެހެންކަމުން މި ރުއްތަކުގެ ވެރިފަރާތެއް ވާނަމަ، އެކަން އެނގޭނެ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރެފަރެންސް ލިޔުމަކާއެކު 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމަކުން ހުޅުދޫ އަވަށު އޮފީހަށް އަންގައިދުނުމަށް އެ އިއުލާނުގައިވަނީ އެދިފައެވެ.

އައްޑޫ ސިޓީ ހުޅުދޫގައި އަޅާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ޤާއިމްކުރުމުގެ މަޝްރޫޢަކީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫޢަށް ޖުމްލަ 15،099،509.42 (ފަނަރަ މިލިއަން ނުވަދިހަ ނުވަ ހާސް ފަސް ސަތޭކަ ނުވަ ރުފިޔާ ސާޅީސް ދެ ލާރި) ޚަރަދުވާނެއެވެ.