English Edition
Dhivehi Edition
ތިނަދޫގައި ބޭއްވި ޙަރަކާތެއްގެ ތެރެއިން ދަރުމަވެރިއަކު ދުވަސްވީ މީހަކަށް އެހީތެރިވަނީ/ފޮޓޯ އޭއޯ ނިއުސް

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ޕޮލިސީ 1 ގެ ސްޓްރެޓެޖީ 1.3 ގެ ދަށުން ޒުވާނުން ބާރުވެރިކުރުވައި، ޒުވާނުންގެ މެދުގައި އިސްނެގުމުގެ ރޫޙު އާލާ ކުރުމުގެ ގޮތުން “ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމް” ގެ ނަމުގައި ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޤައުމީ ފެންވަރުގައި ޒުވާން ދަރުމަވެރިން އުފައްދާ، ޒުވާނުންގެ މެދުގައި ދަރުމަވެރިކަން ފުޅާކުރުމާއި، ޒުވާނުންގެ ކިބައިގައި ޤައުމަށާއި މުޖްތަމަޢުއަށް ޚިދުމަތްކުރުމުގެ ރޫޙު އާލާކޮށް ޒުވާނުންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވުމުގެ މަޤްސަދުގައި ހިންގާ ޕްރޮގްރާމެކެވެ. އަދި ހަމައެއާއިއެކު ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކޮށް، ޖަމްޢިއްޔާތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރުންވެސް މި ޕްރޮގްރާމްގެ މަޤްސަދުގެ ތެރޭ ހިމެނޭ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ، އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާން ވަކިވަކި ފަރުދުންނާއި އަދި ޒުވާނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކްލަބް / ޖަމްޢިއްޔާތަކަށް ބައިވެރިވުމުގެ ފުރުޞަތު އާއަހަރުގެ ފުރަތަމަ ދުވަހުންފެށިގެން ވަނީ ހުޅުވާލާފައެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން ގޫގްލް ފޯމް ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވެއެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމް ޔޫތު މިނިސްޓްރީގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

އިތުރުމައުލޫމާތު އެމިނިސްޓްރީގެ ނަމްބަރު 1456 / 3323860 އަށް ގުޅުއްވުން ލިބިވަޑައިގަންނަވާނެ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.