ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޔޫތު ފޯރަމަމްގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފޯރަމަކީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް އަޑުއުފުލައި، ޒުވާނުން ބާރުވެރިކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަ އުމުރުން 14 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވަން ނިންމާފައިވާ ފޯރަމެކެވެ.
ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ފޯރަމް ބޭއްވުމަށް ނިންމާފައިވަނީ 2024 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ކަމަށެވެ. ޔޫތު މިނިސްޓްރީން ވަނީ މިކަމަށް ޝައުގުވެރިވަ ފަރާތްތަކުން އޮކްޓޯބަރު 22، 2023 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން އީމެއިލް ކުރުމަށް އެދިފައެވެ.
މި ގޮތުން މި ފޯރަމަށް ނަން ހުށަހަޅާ ޒުވާނުންގެ ތެރެއިން 2 ޒުވާނަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، ޔޫތު ފޯރަމަށް ޒުވާނުން ސެލެކްޓްކުރަނީ އިންޓަވިއު އަށް ފަހު ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ފޯރަމަށް ހޮވޭ 2 ޒުވާނުންނަށް މާލީ އެހީ ލިބެންހުރި މިންވަރަކުން ޔޫ.އެން.އޯ.ޑީ.ސީ އިން ފޯރުކޮށްދޭނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.