ގާނޫނީ ވަކީލުންތަކެއްގެ ފަރާތުން އެބޭފުޅުންގެ ކަންބޮޑުވުންތަށް ހާމަކުރުމުގެ ގޮތުން އެޓާނީ ޖެނެރަލް މުހައްމަދު އަނީލަށް ގާނޫނުއަސާސީގެ ބޮޑު ކޮޕީއެއް މިއަދު އަރުވައިފި އެވެ.
ބޮޑުކޮށް ޕްރިންޓްކޮށްފައިވާ ގާނޫނު އަސާސީއެއް ވަކީލުން ގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހަށް ގެންގޮސްފައިވަނީ ގާނޫނު އަސާސީގެ ބައެއް މާއްދާތައް ބައެއް ބޭފުޅުންނަށް މިިހާރު ނުފެންނާތީ ކަމަށް އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުވިދާޅުވިއެވެ.
ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މަސައްކަތްކުރި ޕެޓިޝަން ވެސް މިއަދު ބަންޑާރަ ނައިބު އޮފީހަށް ހުށަހަޅާފަ އެވެ. ޖުމްލަ 56 އަށްވުރެ ގިނަ ވަކީލުން ސޮއި ކުރައްވާފައިވާ ޕެޓިޝަން ހުށަހެޅުމަށް ގިނަ އަދަދެއްގެ ވަކީލުން މިއަދު އެ އޮފީހަށް ދިޔަ އެވެ.
ވަކީލުން ތައްޔާރުކޮށްފައިވާ ޕެޓިޝަންގައި ވަކީލުން ފާހަގަކުރައްވާފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި މުއްދަތު ޖެހުމުގައި ހަމައެއް ލަމައެއް ނެތުމާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމާއި ސިއްރު ހެކިބަސް ނެގުމާއި ފަނޑިޔާރުންގެ ސުލޫކާއި ފަނޑިޔާރުންނަށް ނުހައްގުން އަދަބު ދިނުމާއި ވާޒީފާގެ ބިރު ދެއްކުން ހިމެނެ އެވެ.
ގާނޫނީ ވަކީލުންގެ ފަރާތުން މިހާރު ހިިންގާ ހަރަކާތުގެ ދަށުން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އެކަމަކު އެ ޕެޓިޝަން އެ ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.