English Edition
Dhivehi Edition

ސަރުކާރު މުވައްޒަފުންގެ ވަޒީފާއާއި ގުޅޭ އެންމެހާ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުމަށް ޤާއިމްކުރި ސީއެސް އޮންލައިން ޕޯޓަލް އިފްތިތާޙު ކޮށްފިއެވެ. މިޕޯޓަލް އިފްތިތާޙު ކުރީ އެކަމަށްޓަކައި މިއަދު ސިވިލް ސާވިސް ކޮމިޝަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ މިއީ ކަރުދާހާ ނުލައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ރާއްޖޭގައި ކުރިޔަށް ގެންދެވޭނެ ފުރަތަމަ ފަހަރު ކަމަށާއި މީގެ ސަބަބުން 26 ހާހެއްހާ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ދައުލަތުގެ ބަޖެޓުން ކުރަމުން ދިޔަ ހަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ނާސިޙު ވިދާޅުވީ މި ޕޯޓަލްގެ ސަބަބުން ސިވިލް ސާވިސް މުވައްޒަފުންނާއި ސިވިލް ސާވިސްގެ އެންމެހާ އިދާރާތަކާ އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި، ދެވޭ ހިދުމަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ސީއެސް ވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް، ވަޒީފާއަށް އިއުލާނުކުރުމާއި ވަޒީފާއަށް ކުރިމަތިލުމާއި ވަޒީފާގެ ކުރިއެރުން ދިނުމާއި އަދިވެސް ސިވިލް ސާވިސް ވަޒީފާއާ ގުޅޭ އެންމެހައި ކަންތައްތައް ކުރެވިގެންދާނެ އެވެ.

ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކަށްވެސް މި ޕޯޓަލް މެދުވެރިކޮށް އެ މުވައްޒަފެއްގެ މަޢުލޫމާތު ބެލޭނެއެވެ. ވިއުގަ އޮންލައިން ޕޯޓަލްގައި އޮންލައިން ކޮށް ރަޖިސްޓްރީ ވުމަށް މިލިންކު ގައިވާ ފޯމް ފުރާލަން ސިވިލް ސާވިސްއިން އެދިފައިވެއެވެ.