އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 2-1 އިން ހޯދީ މޮޅާއެކު މެންޗެސްޓާ ޔުނައިޓެޑުން ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފިއެވެ.
ރޭގެ ނަތީޖާއާއެކު ޔުނައިޓެޑުން ވަނީ މިހާތަނަށް ކުޅުނު 16 މެޗުން 33 ޕޮއިންޓް ހަމަކޮށްފައެވެ. އެއްވަނައިގައި އުޅޭ ލިވަޕޫލަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ހަތަރުވަނައިގައި އޮތް އެވަޓަން އަށް ލިބިފައިވަނީ 29 ޕޮއިންޓެވެ.
އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޔުނައިޓެޑުން ލީޑްނެގީ އެންތަނީ މާޝިއަލް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ފުލްބެކް އާރޮން ވަން-ބިސާކާ ނަގައިދިން ރީތި ހުރަހަކުން ލިބުނު ބޯޅައެއް މާޝިއަލް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ވިލާ އިން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އެއްވަރުކުރީ މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ޖެކް ގްރީލިޝް ދިން ބޯޅައަކުން ބާޓްރަން ޓްރައޯރޭ އެވެ. މިއީ އެ ޓީމަށް އެންމެ ފަހުން ކުޅެދިން ހަތަރު މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.
އޭގެ ތިން މިނެޓުފަހުން ޔުނައިޓެޑަށް އަލުން ލީޑްނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ޕޯޗުގަލްގެ އިތުބާރު މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ. މިއީ އެ ޓީމުގެ ޕައުލް ޕޮގްބާ އަށް ޕެނަލްޓީއޭރިޔާތެރެއިން ވިލާގެ ޑަގްލަސް ލުއިޒް ކުރި ފައުލަކަށް ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގައި ޔުނައިޓެޑްގެ ލީޑް ފުޅާކުރުމަށް ފެނާންޑޭސްގެ އިތުރުން މާޝިއަލް އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރިއެވެ. އޭގެފަހުން، ވިލާ އަށް އެއްވަރުކޮށްދިނުމަށް އިނގިރޭސި ޑިފެންޑަރު ޓައިރޮން މިންގްސް އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، މެޗުގެ އެންމެ ފަހު މިނެޓުގެތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކެއިނާން ޑޭވިސް ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބެއިލީ ދިފާއުކުރިއެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި 1-0 އިން އެވަޓަން ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ވެސްޓް ހޭމަށް ކާމިޔާބުކޮށްދިނީ ތޯމަސް ސޫޗެކް އެވެ.