English Edition
Dhivehi Edition
މާލެ ސިޓީ - ފޮޓޯ: މުޙައްމަދު އަފްރާޙް (ސަން)

އަންނަ ހުކުރު ދުވަހު ހަވީރު 04:00 އިން ރޭގަނޑު 08:00 އަށް މާލޭ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާވާނެ ކަމުގައި މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މި އަހަރަކީ ކޮވިޑް-19ގެ ސަބަބުން މާލޭ ސިޓީގެ ގިނަ ރައްޔިތުން ފުރަބަންދުވެ، ދަތުރު ފަތުރު ކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދަ ކުރަން ޖެހިފައިވާ އަހަރެއް ކަމަށާއި، މިއަދާ ހަމައަށްވެސް އާންމު ހާލަތަށް ނުދެވި ވާތީ މިހާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކައުންސިލުން ބޭނުންވާ ކަމަށެވެ.

އެގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައި ދިނުމަށްޓަކައި 2021 ވަނަ އަހަރުގެ ޖެނައަރީ މަހުގެ 01 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ން 8:00 މާލޭ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކަކީ ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އެހެންކަމުން 01 ޖަނަވަރީ 2021 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ން ރޭގަނޑު 8:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ވަކި ޚާއްޞަ އުޅަނދުތަކެއް ފިޔަވައި އެހެން އުޅަނދު މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ދުއްވުމަކީ މަނާކަމެއް ކަމުގައި އިޢުލާނުގައި ބުނެފައި ވެއެވެ.

މަގުތަކުގައި ދުއްވުން ހުއްދަ އުޅަނދުތައް:

  1. ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
  2. އެމްބިއުލެންސް
  3. ޙާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޙާއްސަ ކުރެވިފައިވާ ސައިކަލް
  4. ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޙިދުމަތް
  5. އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ އެ އެންގުމާ ޙިލާފްވާ ފަރާތްތައް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.