English Edition
Dhivehi Edition
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ - ފޮޓޯ: މިހާރު

އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރުމަށް އައު ސްޓިކަރއެއް ތައާރަފުކޮށް 1 ޖަނަވަރީ 2021 އިން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އޮންލައިންކޮށް ސްޓިކަރ ލިބޭނެ އިންތިޒާމް ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފިއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، 1 ޖަނަވަރީ 2021 އިން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް މީރާއިން ސްޓިކަރ ދޫކުރާނީ އީމޭލް މެދުވެރިކޮށް، އެ ފަރާތުން އަމިއްލައަށް ޕްރިންޓްކުރެވޭނެ ގޮތަށެވެ. މީގެ އިތުރުން، މީރާއިން މައުލޫމާތުދޭގޮތުގައި، އެއްގަމު އުޅަނދުގެ އަހަރީ ފީ އެ އޮތޯރިޓީގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށްވެސް 1 ޖަނަވަރީ 2021 އިން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ މި ދެންނެވުނު ސްޓިކަރއެވެ.

އެހެންނަމަވެސް، 31 ޑިސެންބަރު 2020 ގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީ އަކާ ގުޅިގެން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކަރ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

އަހަރީ ފީ ސްޓިކާއަށް މި ގެނެވުނު ބަދަލާއެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދުން ފަސޭހަވުމުގެ އިތުރަށް، ސްޓިކާގައިވާ QR ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްޚަކަން ބެލޭނެ ގޮތް ހަމަޖެހިފައިވާތީ، ވެހިކަލް ފީ ދައްކައިފައިވާކަން ކަމާބެހޭ އިދާރާތަކުން ބެލުމުގެ ނިޒާމަށް މިކަމުގެ ސަބަބުން އިތުރު ހަރުދަނާކަމެއް އަންނާނެކަމަށްވެސް މީރާއިން ހާމަކުރެއެވެ.

މީރާ އިން ބުނީ އެ އޮތޯރިޓީން ފޯރުކޮށްދޭ މައިގަނޑު ހުރިހާ ޚިދުމަތެއް މިހާރު މީރާއަށް ނުގޮސް އޮންލައިންކޮށް ލިބޭނެ ކަމަށެވެ.