English Edition
Dhivehi Edition

“ނިދީތަ؟” އިމްޖާދު ފޮނުވީ ކުރުކުރު މެސެޖެކެވެ. އެވެސް ވައިބަރ ގައެވެ. އެ މެސެޖަށް ޖަވާބެއް ނުލިބުމަކީ ވެސް އެކަށީގެންވާ ކަަމެކޭ އިމްޖާދުގެ ހިތަށް އެރިއެވެ. ކިއާރާގެ ގޮތެއް އަދިވެސް މުޅިއަކުން އޭނާއަކަށް ނޭނގެއެވެ. ކުއްލިއަކަށް އޭނާގެ ފޯނުން އަޑެއް އިވުނެވެ. ވައިބަރ މެސެޖެކެވެ.

“ނޫން އަދި ނުނިދަން. ނިދަން އަރާފަ” ކިއާރާ އޭނާގެ މެސެޖަށް ޖަވާބު ދިނެވެ. ވައިބަރ ގައި ހުރި ކިއާރާގެ ފޮޓޯއަށް އިމްޖާދު ބަލައިލިއެވެ. ކައިރިން ނަގާފައިވާ އެ ފޮޓޯގައި ރީތިކޮށް ހިނިތުން ވެލައިގެން އޭނާއާއި ދިމާއަށް ލާނެތް ގޮތަކަށް ބަލަން އިން މި އަންހެންކުއްޖާގެ ތަސްވީރަކީ ބަލައި ފޫހިނުވާނޭ ތަސްވީރެކޭ އިމްޖާދުގެ ހިތް ބުނެލިއެވެ. ކަރުގައި އަޅާފައިވާ ނެކް ބޭންޑަކާއެކު އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލް ކޮށްފައިވާ މި ފޮޓޯއަކީ ކޮންމެވެސް ޚާއްޞަ ހަފްލާއެއްގައި ނަގާފައިވާ ފޮޓޯއަކާ ވަރަށް ވައްތަރެވެ.

“ވަރަށް އުފާވި ކިއާރާގެ ހަޔާތުގެ ވާހަކަ މިރޭ ކިޔައިދިނީތީ” އިމްޖާދު ފޮނުވީ ޖަވާބެއް ލިބޭނެ ކަހަަލަ މެސެޖެކެވެ.

“މީ ޓޫ..އިމްޖާދުވެސް އަހަންނަށް އިތުބާރުކޮށްފައި ކިޔާދިނީމަ ވަރަށް ސްޕެޝަލް ފީލްވި” އިމްޖާދުގެ މެސެޖާއެކު ވަގުތުން ކިއާރާގެ ޖަވާބު އައެވެ.

“ސްޕެޝަލް ވީމައޭ ކިޔައި ދިނީ. ޕްރެންޑުންނާވެސް ޝެއަރ ނުކުރާ ވާހަކައެއް އެއީ” ކިއާރާގެ މެސެޖުގެ ޖަވާބަކަށް އުފާވިކަން އަންގައިދޭ ސްޓިކަރ އެއް އިމްޖާދު ވެސް ފޮނުވާލިއެވެ.

“ވަރަށް ވެސް ސްޕެޝަލް ވީތާ؟” ތިން ހަތަރު ސްމައިލީ ފޭސް އާއެކު ކިއާރާގެ ޖަވާބު އައެވެ.

“ޔަގީނެއް ނު. އަދިވެސް އިތުރަށް ވަގުތު އޮންނަމަ ވާހަކަ ދައްކަން ހުންނަން ބޭނުންވީ” އިމްޖާދު ބުނެލިއެވެ.

“މިހާރު ތިކުރަނީ ކީއް؟ ހަމަ ވާހަކަ ދައްކަނީ ނު؟ ” ސްޓިކާ ބަރިއަކާއެކު ކިއާރާ ޖަވާބު ދިނެވެ.

“ވާހަކަ ދައްކާހިތްވަނީ..ކީއްވެގެންކަމެއް ނޭނގެ” މިފަހަރުގެ މެސެޖާއެކު ހާޓް ސްޓިކަރ އެއްވެސް އިމްޖާދު ފޮނުވާލިއެވެ. މެސެޖްގެ ޖަވާބު އަންނަން އިރުކޮޅެއް ނެގުމުން އިމްޖާދު ކަންބޮޑުވިއެވެ. އޭނާއަށް މާ އަވަސް އަރުވާލެވުނީ ކަންނޭނގެއެވެ. ކިއާރާގެ ހިތަށް އަރާނެ އެއްޗެއްވެސް ނޭނގެއެވެ. މެސެޖަށް ޖަވާބެއް ނުލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ދެވަނަ ސިކުންތުގައި ފޯނަށް މެސެޖެއް އައެވެ. އެއާއެކު އިމްޖާދުގެ ތުންފަތްމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ.

“މީ ޓޫ” ކިއާރާގެ މެސެޖް ކިތަންމެ ކުރު ނަމަވެސް އެއީ ވަރަށް ފުން މާނައެއް ދޭހަވާ ދިގު ވާހަކައެކެވެ. އިމްޖާދުގެ ޙަޔާތަށް އެއީ ވަރަށް މުހިއްމު މެސެޖެކެވެ.

އެރޭ ފަތިސް ވަންދެން ދެމީހުން ދެމީހުންނަށް ފޯނުން ވާހަކަ ދެއްކުމުގައި އެމީހުން ހޭލާތިއްބެވެ. ޖެހިޖެހިގެން ހުރި ދެ ރޫމް ކަމަށް ވީނަމަވެސް އެމީހުން ވާހަކަ ދައްކަން ތިބީ އެމީހެއްގެ ރޫމްގައެވެ. ވައިބަރ ގައި ކުރަމުން ގެންދިޔަ މެސެޖްތަކަށް ފަހު ފޯނުން ގުޅައިގެން ވެސް އެތައް އިރަކު ވާހަކަ ދައްކަން އެމީހުން ތިއްބެވެ. ދައްކަދައްކައި ހުސްނުވާ ވަރަށް އެމީހުންގެ އަތުގައި ވާހަކަ ހުއްޓެވެ. އެރޭ ފަތިހު 4 ޖެހިއިރު އެމީހުން ފޯން ބާއްވާފައި ނިދީ އުފާވެރި މުސްތަގުބަލެއްގެ ފޮނި ހުވަފެން ދެކެމުންނެވެ. އެކަކު އަނެކަކަށް އެހީތެރިވެދޭނެ ކަމުގައި ވައުދުވަމުންނެވެ. ގޮތަކަށް ނަމަވެސް ލޯތްބެއްގެ ބިންގާ އެޅިގެންނެވެ.

އިމްޖާދަށް ހޭލެވުނީ ފޯނުގެ ރިންގުގެ އަޑަށެވެ. ނިދިބަރު އަޑަކުން މަޑުމަޑުން ހަލޯއޭ ބުނެލެވުނެވެ.

“ގުޑް މޯނިން..ވައުދުވީގޮތަށް ވޭކްއަޕްކޯލެއް މިޖެހީ. އަވަހަށް ތެދުވޭ” އެކޮޅުން ނިދި ބަރުވެފައިވާ އަޑަކުން ވާހަކަ ދެއްކީ ކިއާރާއެވެ.

ކިއާރާގެ އަޑާއެކު އޭނާގެ ހުރިހާ ހިއްސުތަކަށް ތާޒާކަން ވެރިވެ ނިދި މުޅިން ފިލައި ދިޔައެވެ.

“ތޭންކްސް. ހަމަ މިހާރު މިތެދުވަނީ” ކުޑަކޮށް ހީނލަމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން އިމްޖާދު ބުނެލިއެވެ.

މިއަދުގެ މީޓިން އަކީ މިދަތުރުގެ އެމީހުންގެ އެންމެ ފަހުގެ މީޓިންއެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް ކުރީބައިގައި ވެވިފައިހުރިކަން ނަސީބޭ އިމްޖާޖުގެ ހިތަށް އެރިއެވެ. މިއަދު ތައްޔާރުވަމުން ދިޔައިރުވެސް އޭނާގެ ވިންދުތައް ވަނީ އަވަސް ވެފައެވެ. ތުނބުން އުފާވެރިކަމުގެ ރާގެއް ކުޅެމުން ރީތިވަމުން ދިޔައިރު ހިތުގައި އޮތީ ކިއާރާއަށް ވުރެ ކުރިން ތައްޔާރުވެގެން ގޮސް އޭނާއަށް ގޮވުމަށެވެ. ހެނދުނު ހެނދުނާ އެންމެ ފުރަތަމަ ރޫމްގެ ދޮރުހުޅުވާލާއިރު ކިއާރާއަށް ފެންނަ ތަސްވީރަކީ އޭނާކަމަށް ވުމަށެވެ.

ރަސްމީގޮތަކަށް ތައްޔާރުވުމަށްފަހު ލެޕްޓޮޕް ބޭގް ހިފައިގެން އަވަސް އަވަހަށް ރޫމުން ބޭރަށް ނިކުމެ އޭނާގެ ބޫޓަށް އެރިއެވެ. ކުރިމަތީގައި އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އޮތް އޮޅު ބުޅަލަށް ވެސް މިއަދު އިމްޖާދުގެ މޫޑު އެނގޭކަހަލައެވެ. ބުޅަލާ ކުޑަކޮށް ސަމާސާކޮށްލަމުން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އޭނާ ކިއާރާގެ ރޫމުގައި ޓަކިޖަހާލިއެވެ. އެވަގުތު މެރެތަން އެއްގައި ބާރަށް ދުވެފައި އައި އެތުލީޓެއްގެ ހިތުގެ ތެޅުމާއެއްވަރަށް އޭނާގެ ހިތްވެސް އޮތީ ތެޅިތެޅިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ކިއާރާ ދޮރުހުޅުވާލިއެވެ.

“އޯހް..ގުޑް މޯނިން” ކިއާރާ އޭނާގެ އަމިއްލަ ރަސްމީ ހިނިތުން ވުމުގައި ބުނެލިއެވެ. ހުޅުވާލި ދޮރާއެކު އޭނާގެ ނޭފަތުގައި ޖެހުނީ އެންމެ ފުރަތަމަ ރޭ އޭނާއާއި ކިއާރާއާއި ދިމާވި އިރު ކިއާރާ ޖަހައިގެން ހުރި “ގުޑްގާލްގެ” މީރުވަހެވެ. ހެނދުނު ހެނދުނާ އޭނާގެ މޫނު ފެންނަ ގޮތް އަދި ވަކިން ލޯތްބެވެ. ނަމަވެސް އެ ރީތި ބޮޑު ދެލޯ ހުރީ ރަތްވެފައެވެ. ހަމަ ނިދި ނުލިބޭކަމުގެ އަލާމާތް ލޮލުން ފެންނަން ހުއްޓެވެ.

“ގުޑްމޯނިން..ކޮބާ ރެޑީތަ؟ މަށަށް ދޯ އަވަސް މި ކުރެވުނީ. އަވަހަށް ހިނގާ ދަމާ” އިމްޖާދު ބުނެލިއެވެ.

“އާނ ހަމަ މުޅީން ރެޑީ. ފިރިހެނުންނަށް ތައްޔާރުވާކަށް މާގިނައިރެއް ބޭނުން ނުވާނެތާ. ހިނގާ ދަމާ” ރޫމުން ބޭރަށް ނިކުންނަމުން ކިއާރާ ބުނެލިއެވެ.

ދެމީހުން އެކީގައި ހިނގާފައި ލޮބީއާއި ދިމާއަށް ދިޔައިރު ދެފަރާތުގައި ހެދިފައިވާ ގަސްތަކަށް އިރުގެ ރީތި ދަޅައެޅި ދިއްލިފައި އޮތެވެ. މީގެ ދެތިން ދުވަސް ކުރިން މޫސުމް ގޯސްވެ ވިއްސާރަވީނަމަވެސް މިއަދު އޮތީ ރީތިކޮށް އަވިދީފައެވެ. އެތަނުގައި އިންދާފައިވާ ރަތްފަތް ބަގީޗާގަސްތައް މި އަލީގައި ފެންނަގޮތް ހިތްގައިމެވެ.

ލޮބީހުރަސްކޮށް އެމީހުން ފުރަތަމަ ދިޔައީ ރެސްޓޯރެންޓް ބަޔަށެވެ. އޭރު އެތަނުގައި ބައެއް މީހުން ހަމަހިމޭން ކަމާއެކު ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ތިއްބެވެ. އާދައިގެ މަތިން ރެސްޓޯރެންޓްގެ ދޮރުމަތިން ހިނިތުންވުމާއެކު އަންހެންކުއްޖަކު ސަލާމްކޮށްލިއެވެ. އަދި އިށީންނަންވާ ގޮނޑި ދެއްކިއެވެ. އެމީޙުންގެ ދަބަސްތައް ގޮނޑީގައި ބެހެއްޓުމަށްފަހު ބުފޭ މޭޒާ ދިމާއަށް ދިޔައެވެ. އެތަނުން ފެންނަ ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމާއި ފުރިހަމަ މެޙްމާންދާރީއަކީ މިތަނުގެ ޚާއްޞައެއްކަން ކަމަށް ކިއާރާ ބުނެލިއެވެ.

“އަސްލުވެސް ދޯ. އެންމެންވެސް ވަރަށް ހިތްހެޔޮ. އައްޑޫމީހުންގެ ކިބައިގައިވާ ރީތި ސިފައެއް އެއީ. އަދި ވަކިން ޚާއްޞަކޮށް މިހޮޓަލުގެ ސްޓާފުން ވަރަށް ރަނގަޅު. ސަޅި މެނޭޖްމެންޓެކޭ ބުނެވޭނީ. ހުރިހާ ސްޓާފުންނަށް ވެސް މެޙްމާނުންނާ ޑީލް ކުރަންވާގޮތް ރަނގަަށް އެނގިފައި އޮތްކަން އެމީހުންގެ ހަރަކާތްތަކުން އެބައެނގޭ ދޯ” އިމްޖާދުވެސް ކިއާރާއާއި ބައިވެލިއެވެ.

“އެންމެ ފުރަތަމަ ދުވަހުވެސް އެކަންތައް އަހަންނަށް ފާހަގަކުރެވުނު” ބްރެޑްކޮޅެއް ތަށްޓަކަށް އަޅަމުން ކިއާރާ ބުނެލިއެވެ.

ސައިބޮމުން ދިޔައިރު އެމީހުން މާގިނަ ވާހަކައެއް ނުދައްކައެވެ. ދައްކަންވީ ހުރިހާ ވާހަކަތަކެއް ރޭގައި ދައްކައި ނިމުނީ ކަންނޭނގެއެވެ.

“ހާދަވަރަކަށް ލޯ ރަތްވެފައި ތިހިރީ” ކިއާރާގެ ލޮލަށް ބަލާލަމުން އިމްޖާދު ބުނެލިއެވެ.

“މީ އިމްޖާދުގެ ކަންތަކެއްނު” ހީނލަމުން ކިއާރާ ބުނެލިއެވެ.

“ތި ލޯ ރަތްވާ ކަހަލަ އެއްވެސް ކަމެއް އަދި މަށަކަށް ނުކުރެވޭކަން ނޭނގެ” ސަމާސާ ގޮތަކަށް އިމްޖާދު ބުނެލިއެވެ.

“ހޫމމ..ރޭގަނޑު ހަތަރު ދަމު އަހަރެން ހޭލާ ބެހެއްޓި މީހަކީ ތިއެއް ނޫންތަ” ތަށީގެ އެންމެފުލުގައި އޮތް ކޮފީފޮދު ބޯލަމުން ކިއާރާ ބުނެލިއެވެ.

“ބެހެއްޓީތަ ނޫނީ ހުންނަ ހިތުން ހުރީތަ؟” މިފަހަރު އިމްޖާދު ކޮށްލި ސުވާލަށް ކިއާރާ ޖަވާބުދިނީ ހިނިތުންވެލުމަކުންނެވެ.

“ކިހިނެއްތަ ސައި؟ ރަނގަޅުތަ” އެމީހުންގެ މޭޒުގެ ކައިރިއަށް އެތަނުގެ ސުޕަވައިޒަރ އަންހެން ކުއްޖާ އައިސް އޭނަގެ ހިނިތުންވުމުގައި ސުވާލުކޮށްލިއެވެ.

“އާނ..ހަމަ ވަރަށް ބެސްޓް” އަންހެންކުއްޖާއަށް ޖަވާބުދިނީ އިމްޖާދެވެ.

ކުޑައިރުކޮޅަކަށް އެތަނުގައި މަޑުކޮށްލުމަށްފަހު މީޓިން ރޫމާ ދިމާއަށް ދެމީހުން ހިނގާފައި ދިޔައީ ސީރިއަސް ވެގެން ތިބެއެވެ. ކުރިމަތީގައި ދެން އޮތީ އެމީހުން މިތަނަށް އައިސް ކުރަން ޖެހޭ މަސައްކަތުގެ އެންމެ ފަހު މަރުހަލާކަން އެނގޭތީއެވެ.

މީޓީން ރޫމުގައި ކިއާރާއިނީ އިމްޖާދާއި ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައެވެ. އެގޮތަށް ކިއާރާ ކަންތައް ކުރިކަން ނަސީބޭ އިމްޖާދުގެ ހިތަށް އެރިއެވެ. އޭނާއާއި ޖެހިގެން ހުރި ގޮނޑީގައި ކިއާރާ އިންނަމަ ކުރަންޖެހޭ މަސައްކަތަށް ވުރެ ކިއާރާއަށް ދެވޭ ސަމާލުކަން މާބޮޑުވާނެކަން އިމްޖާދަށް އެނގެއެވެ.

މަޝްވަރާތަކާއެކު ސީރިއަސް މާހައުލެއްގައި ތިބެގެން އެމީހުން ކުރިއަށް ގެންދިޔަ ބައްދަލުވުން ކާމިޔާބުކަމާއެކީ ނިންމާލިއެވެ. ދެން އޮތީ އެމީހުންގެ ޚާއްޞަ އިވެންޓަށް ތައްޔާރުވުމެވެ. ކޮންމެ ބަޔަކު ވެސް ކުރަން ޖެހޭ މުހިއްމު ކަންތައްތައް އޮތީ މިހާރު ރޭވި ނިމިފައެވެ. އެއްބަޔަކަށް އަނެއް ބައެއްގެ ޕްލޭންތައް އެނގި ރީތި ފްލޯއެއްގައި މި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތައް މިވަނީ ކިޔައިދީ ނިމިފައެވެ. އިވެންޓްގެ ކުރިން އަދިއެއްފަހަރު ފައިނަލް ޕްލޭންތަކާއެކު ބައްދަލުވާނެ ތާރީޚެއް ކަނޑައަޅަމުން މީޓިން ނިންމާލިއިރު މެންދުރުގެ ކާގަޑި ޖެހެނީއެވެ.

ކާގަޑީގައި އިމްޖާދުވެސް އަދި ކިއާރާވެސް އުޅުނީ އެމީހުންގެ ޕާޓްނަރުންނާއެކުގައެވެ. ބިޒްނަސް ލަންޗެކެވެ. ތަފާތު އެކި ކުންފުނިތަކުން އައިސް ތިބި ސީނިއާރ ބޭފުޅުންނެވެ. ކެއުމުގެ ތެރޭގައިވެސް އެމީހުންގެ ވާހަކައިގެ ޓާގެޓަކަށް ވީ ބާއްވަން އުޅޭ އިވެންޓްގެ ވާހަކައެވެ. އޭގެ ސަބަބުން މި ހޮޓަލަށް ލިބިގެންދާނެ އިތުރު ކުރިއެރުންތަކާއި ވަކިން ޚާއްޞަކޮށް އައްޑޫއަށް ލިބޭނެ އިގްތިޞާދީ ކުރިއެރުމުގެ ވާހަކަތަކެވެ.

ކެއުމަށް ފަހަށް އެންމެން ވަކިވުމުގެ ސަލާމް ކޮށްލަމުން އެމީހެއްގެ އަމިއްލަ ދިމާއަށް ގޮސް އެންމެން ހުސްވިއެވެ. ކުރަން އައިކަންތައްތައް ނިމުމުން ބައެއް މީހުން ހަމަ ދުވަހުން ދުވަހަށް ފުރައިގެން ދިޔަ ނަމަވެސް އެތަނުގައި އިތުރު އެއްދުވަހަށް ނަމަވެސް މަޑުކުރަން ބޭނުންވީ ކިއާރާއާއި އިމްޖާދެވެ. ކުރިއަށް އޮތީ ހަފްތާ ބަންދު ދެދުވަސް ކަމުން ރޭގައި އެމީހުން ނިންމީ ހޮނިހިރު ދުވަހަށް އެމީހުންގެ ޓިކެޓް ބަދަލުކުރުމަށެވެ. އަމިއްލަ ޚަރަދުގައި އިތުރު އެއްދުވަސް އަދި މިތަނުގައި ހޭދަކޮށްލަން ބޭނުންވާހައިމިންވަރަށް އެމީހުންނަށް މިތަން މުހިއްމުވީއެވެ. ވަކިން ޚާއްޞަކޮށް މިރެއަކީ އިމްޖާދަށް ވަރަށް މުހިއްމު ރެއަކަށް ވީތީއެވެ.

-ނުނިމޭ-