English Edition
Dhivehi Edition

ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލީ އެކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކުކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އޭނާ 20 އަހަރަށް ޖަލަށް ލާން މިއަދު ޙުކުމް ކޮށްފިއެވެ.

ގަސްތުގައި ކުއްޖަކު މަރާލި ކަމުގެ ދަޢުވާއަކީ 2015 ވަނަ އަހަރު ޢާފިޔާގެ ދަރިފުޅު އިބްތިހާލު ގެ ނޭވާ ހާސްކޮށް އެކުއްޖާގެ ހަށިގަނޑަށް އަތުންނާއި ފައިން އަނިޔާދީ މަރާލާފައިވާތީ ޢާފިޔާގެ މައްޗަށް ކުރެވިފައިވާ ކުޑަ ކުއްޖަކު މެރުމުގެ ދަޢުވާއާއި އަމުރަށް ނުކިޔަމަންތެރި ވުމުގެ ދަޢުވާއެވެ. އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އެކި ފަހަރުމަތިން އިބްތިޙާލަށް އަނިޔާކޮށް، އިހުމާލުވެ އޭނާގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އާފިޔާ ޢަމަލުކޮށްފައިވާތީ ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

މިމައްސަލައިގައި ޢާފިޔާވަނީ މީގެކުރިން އިބްތިހާލު މަރާލީ އޭނާ ކަމަށް އިޢުތިރާފް ވެފައެވެ.

އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ.

އެ މައްސަލައިގައި އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ އޭނާގެ ފިރިމީހާ، އިބްތިހާލްގެ ދޮން ބައްޕަ އެވެ. ނަމަވެސް އާފިޔާގެ ފިރިމީހާ ވެސް ހެކިބަސް ދީފައި ވަނީ އާފިޔާއާ ދެކޮޅަށެވެ.

ހުކުމްގައި ބުނެފައި ވަނީ އާފިޔާ އިބްތިހާލަށް އަނިޔާކޮށް އިބްތިހާލް ދެކެ ރުޅި އަންނަނީ، އެކުއްޖާއަކީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށް އޭނާގެ ބަހުން އެނގޭ ކަމަށެވެ.

އަދި އިބްތިހާލް މަރުވި ދުވަހުގެ ހެނދުނު އާފިޔާ ނިދާ ހޭލި އިރުވެސް އިބްތިހާލް މަރާލަން އާފިޔާ ނިޔަތްގަނެފައިވާކަމަށް އާފިޔާގެ ބަހުން އެނގޭ ކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

ހުކުމްގައި ވަނީ އާފިޔާގެ މައްޗަށް އުފުލި ދައުވާ އޭނާގެ މައްޗަށް ޝަރުއީ ގޮތުން ވެސް ގާނޫނީ ގޮތުން ވެސް ސާބިތުވާ ކަމަށެވެ.

ޙުކުމުގެ މަރުޙަލާމިހާރު ކުރިއަށްދާ މި މައްސަލައިގެ ހުލާސާ ބަޔާން އިއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ. ހުލާސާ ބަޔާނުގައި ދައުލަތުން ވަނީ މި މައްސަލައިގައި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަން ފާހަގަކޮށްފައެވެ. އަދި ޤާނޫނޫލް އުޤޫބާތުގެ 1205 ވަނަ މާއްދާގައި އިސްލާމީ ޝަރީޢަތުގައި ހައްދު ތަންފީޒު ކުރުމަށް ބަލާ މިންގަނޑުގައިވެސް ހެކި އެބަހުރި ކަމަށާއި، ވީމާ އާފިޔާއަށް އެ ޤާނޫނުތަކުގެ ދަށުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ..