English Edition
Dhivehi Edition

ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހާ، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއެކު ތަރައްޤީ ހަރުފަތްތައް ގިރާކުރުން ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ވިދާޅުވެއްޖެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ކައުންސިލާއި، ވިލިނގިލީ ރަށު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވާ، އެ އަތޮޅުގެ ތަރައްޤީއާއި ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވެވި ބައްދަލުވުމުގައި އެފަރާތްތަކުގެ ކަންބޮޑުވުން ތަކާ ގުޅޭ ގޮތުން ނައިބް ރައީސް ވިދާޅުވީ އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނައިބު ރައީސް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރޭގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލާއި ވިލިނގިލީ ރަށު ކައުންސިލްގެ މެންބަރުން ވަނީ، އެކި ދާއިރާތަކުން އަތޮޅުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މި ގޮތުން އެ ބޭފުޅުން ފާހަގަކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވެފައިވާ މައްސަލަތަކާއި، ދަތުރުފަތުރުގެ ނިޒާމު ރޭވިފައިވާ ގޮތުން ކުރިމަތިވާ އުނދަގޫތަކާއި، ފެނާއި ނަރުދަމާ ފަދަ ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހިމެނެއެވެ.

މީގެ އިތުރުން ވެސް، ތަޢުލީމީ ދާއިރާއާއި، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމާއި، އެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއި ޒުވާނުންނާއި އަންހެނުންގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި، އެ މީހުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އަތޮޅާއި ރަށު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. ޚާއްޞަކޮށް، ތަޢުލީމާއި ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއެކު، އެ ދާއިރާތަކުގެ ތަރައްޤީއަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ކައުންސިލްގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެވަޑައިގެންނެވިއެވެ.