އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރެލިގޭޝަނުގައި އޮތް ވެސްޓް ބްރޮމްއާ 1-1 އިން އެއްވަރުވެ ލިވަޕޫލުން މި ފަހަރުގެ ސީޒަނުގައި ލީގުގައި އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސައްތައިން ސައްތައިގެ ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.
ރޭގެ މެޗަށް ނިކުތްއިރު ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނެގުމަށް ލިވަޕޫލަށް ލިބުނު ފުރުޞަތު ގެއްލުނުއިރު، އެ ޓީމަށް މިހާރު ލިބިފައިވަނީ 15 މެޗުން 32 ޕޮއިންޓެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެވަޓަން އެވެ. ތިންވަނައިގައި 28 ޕޮއިންޓާއެކު ލެސްޓާ ސިޓީ އޮތްއިރު، މެންޗެސްޓާ ޔުނައިޓެޑް އޮތީ 27 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗު ފެށިގެން 12 ވަނަ މިނެޓުގައި ލީޑްނަގައިދިނީ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ އެ ޓީމުގެ ޑިފެންޑަރު ޖޮއެލް މަޓިޕް ދިން ރީތި ޕާހަކުން މާނޭ ކާމިޔާބުކުރި ގޯލެކެވެ. މި ހާފުގައި ލިވަޕޫލުން ލީޑް ފުޅާކުރުމަށް މާނޭގެ އިތުރުން ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އާއި މުހައްމަދު ސަލާހު އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ވެސްޓް ބްރޮމްގެ ކާލަން ގްރާންޓް އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. މި ދެ ބޯޅަ ވެސް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ. މި މެޗުގައި ވެސްޓް ބްރޮމް އަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 82 ވަނަ މިނެޓުގައި މަތެއުސް ޕެރޭރާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ސެމީ އަޖޭޔީ އެވެ.
އޭގެފަހުން، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނުމަށް އެ ޓީމުގެ ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނޯ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ދެވަނަ ހާފުގައި ކުޅެން ނިކުތް އަލެކްސް އޮކްސްލޭޑް-ޗެމްބަލެއިން ނަގައިދިން ހުރަހަކުން ފިރްމީނޯ ބޮލުން ފޮނުވާލި ބޯޅަ ވެސްޓް ބްރޮމްގެ ކީޕަރު ސޭމް ޖޯންސްޓޯންސް މަތަކުރިއެވެ.
ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ ރަށުން ބޭރުގައި 1-1 އިން ވުލްވްސްއާ އެއްވަރުވެފައެވެ. މެޗުގެ ކުޅުން ފެށިގެން ފުރަތަމަ މިނެޓުގައި ޓެންގީ އެންޑޮމްބެލޭ ކާމިޔާބުކުރި ގޯލުން ޓޮޓެންހަމް ލީޑްނަގާފައިވަނިކޮށް، މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ނަތީޖާ ހަމަހަމަކޮށްދިނީ ރަމޮން ސައީސް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ބާންލީ އަތުން އަމިއްލަ ދަނޑުގައި 1-0 އިން ލީޑްސް ޔުނައިޓެޑް މޮޅުވިއިރު، ވެސްޓް ހޭމް ޔުނައިޓެޑް ވަނީ 2-2 އިން ބްރައިޓަންއާ އެއްވަރުކޮށްފައެވެ.