English Edition
Dhivehi Edition

ދުނިޔޭގައި މި ވަގުތު ހުރި އެންމެ އުއްމީދީ ފޯވާޑް މޮނާކޯގެ ކީލިއަން އެމްބާޕޭ ފްރާންސް ލީގުގައި ޕީއެސްޖީއަށް ކުޅެދިން ފުރަތަމަ މެޗުގައި ޖެހި ގޯލާއި އެކު 5-1 ލަނޑުން މެޓްޒް އަތުން މޮޅުވެއްޖެއެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ މޮނާކޯއިން ފްރާންސްގެ ޕީއެސްޖީއަށް 180 މިލިއަން ޔޫރޯއަށް ބަދަލުވެ ރޭ ކުޅުނު ފުރަތަމަ މެޗުގައި 18 އަހަރުގެ އެމްބާޕޭގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

މެޓްޒް އާއި ޕީއެސްޖީ ބައްދަލު ކުރިމެޗުގައި ފުރުތަމަ ގޯލް ދުނިޔޭގެ ރިކޯޑް އަގެއްކަމުގައި ވާ 200 މިލިއަން ޔޫރޯއަށް ޕީއެސްޖީއަށް ބަދަލުވި ބްރެޒިލްގެ ނޭމާ ދިން ޕާހަކުން 31 ވަނަ މިނެޓްގައި އެޑިސަން ކަވާނީ ކާމިޔާބުކޮށްދީފައިވަނިކޮށް މެޗްގެ 37 ވަނަ މިނެޓްގައި ލީގު ތާވަލްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތް މެޓްޒް ގެ ރިވިއޭ ވަނީ ގޯލެއް ކާމިޔާބުކޮށް މެޓްޒްއަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދީ ޕޮއިންޓްއެއް ލިބުމުގެ އުންމީދު އާކޮށްދީފައެވެ.އެހެން ނަމަވެސް މިވަގު ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އެމްބާޕޭ ވަނީ މެޓްޒް އިން ލަނޑު ޖެހިތާ ތިން މިނެޓް ނުވަނީސް ޕީއެސްޖީއަށް މެޗްގައި ދެވަނަ ފަހަރަށް ލީޑުނަގައި ދީފައެވެ.

ޕީއެސްޖީއަށް މެޗްގެ ތިންވަނަ ގޯލް ޖަހައި މެޗުގެ ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައިވަނީ މި ސީޒަންގައި ޕީއެސްޖީ އާ ގުޅުނު ނޭމާއެވެ.

ނޭމާގެ ލަނޑައަށް ފަހު މެޗްގެ 75 ވަނަ މިނެޓްގައި ކަވާނީ ވަނީ ޕީއެސްޖީ އަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީފައިވާއިރު ޕީއެސްޖީ ގެ 5 ވަނަ ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދީފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ލޫކަސްއެވެ.

މެޗްގެ 56 އެމްބާޕޭ އަށް މެޓްޒްގެ އެކޯޓާ ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތް ކާޑުގެ ސަބަބުން މެޓްޒްއަށް މެޗުގެ ބޮޑުބައި ކުޅެން ޖެހިފައިވަނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.