English Edition
Dhivehi Edition

ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ފިޔޯރީ، ފަރެސްމާތޮޑާ އަދި ރަތަފަންދޫ އަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނު “ފަރެސްމާތޮޑާ ދާއިރާ ހޮލިޑޭ ކަޕް 2020” ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުން ފިޔޯރީ ޕޮލިސް އަދި ފަރެސްމާތޮޑާ ޓީމް ޖާގަ ހޯދާފައި ވާއިރު ފިރިހެން ޑިވިޜަންގެ ފައިނަލުން ޖާގަ ހޯދާފައި ވަނީ ރާވެރިޔާ އަދި ޓީމް ފެނަކަ އެވެ.

ޕޮއިންޓް އުސޫލުން ކުޅުނު މި މުބާރާތުގައި އަންހެން ޑިވިޜަންގެ ފިޔޯރީ ޕޮލިސް އަދި ފަރެސްމާތޮޑާ ޓީމް ވެސް ފައިނަލުން ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެ, 05 ޕޮއިންޓު ހޯދައިގެންނެވެ. އަންހެން ޑިވިޜަންގެ ފެނަކަ ޓީމަށް ވެސް 05 ޕޮއިންޓު ލިބިފައިވީ ނަމަވެސް ފައިނަލުން ޖާގަ ނުލިބުނީ ދެ މެޗުން ބަލިވެފައި ވާތީ އެވެ. މުބާރާތުގެ ޤަވާޢިދުގައި ބުނާ ގޮތުން މިގޮތަށް ޕޮއިންޓުގެ ގޮތުން ޓީމުތައް އެއްވަރު ވެއްޖެ ނަމަ ދެން ބަލާނީ މޮޅުވި މެޗުތަކުގެ އަދަދަށެވެ.

މި މުބާރާތުގައި ފިރިހެން ޑިވިޜަންގެ ފައިނަލަށް ރާވެރިޔާ ދަތުރުކޮށްފައި ވަނީ ކުޅުނު ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެ, 07 ޕޮއިންޓާއި އެކުގައެވެ. އަދި ޓީމް ފެނަކަ ފައިނަލަށް ދަތުރުކުރީ ކުޅުނު ދެ މެޗުން މޮޅުވެ އެއް މެޗުން ބަލިވެ, ޖުމްލަ 06 ޕޮއިންޓާއި އެކުގައެވެ.

މި މުބާރާތުގެ ޤަވާޢިދުގައި ބުނާ ގޮތުން 00 – 03, 01 – 03 ސެޓުން މޮޅުވެއްޖެ ނަމަ 03 ޕޮއިންޓް, 02 – 03 ސެޓުން މޮޅުވެއްޖެ ނަމަ 02 ޕޮއިންޓު 03 – 02 ސެޓުން ބަލިވެއްޖެ ނަމަ 01 ޕޮއިންޓު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ 03 – 00, 03 – 01 ސެޓުން ބަލިވެއްޖެ ނަމަ ނުވަތަ މެޗަށް ހާޒިރުނުވެ ނުވަތަ މެޗު ދޫކޮށްލައިފި ނަމަ ހާޒިރު ނުވި ނުވަތަ މެޗު ދޫކޮށްލި ޓީމަށް 00 ޕޮއިންޓް އަދި މެޗަށް ހާޒިރުވި ޓީމަށް 03 ޕޮއިންޓު ދިނުމަށްވެސް މުބާރާތުގެ ޤަވާޢިދުގައި ވަނީ ހިމަނާފައެވެ.

ގދ. ފިޔޯރީ ޒުވާނުންގެ އިސް ނެގުމާއެކު ފަރެސްމާތޮޑާ ދާއިރާގެ 03 ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމުގެ މަގްސަދުގައި ބޭއްވޭ މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ. އަދި ފިރިހެން ޑިވިޜަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައެވެ. ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި ކުޅުމަށް ހަމަޖެހިފައިވާ މި ދެ މެޗުވެސް އޭ.އޯ. ނިއުސްގެ ފޭސްބުކް ޕޭޖުން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.