English Edition
Dhivehi Edition

ގދ.ތިނަދޫ ރީޖަނަލް ޕޯރޓް ތަރައްޤީކުރުމުގައި ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެމްޓީސީއާއެކު ފަށައިގެން ކުރިޔަށްގެންދާކަމަށް މޯލްޑިވެސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ތިނަދޫގައި ބައިނަލް އަގުވާވީ ބަދަރެއް ތަރައްޤީކުރުމުގައި އެންމެ ފުރަތަމަ ކުރެވުނު މަސައްކަތަކީ ރީޖަނަލް ޕޯޓް ތަރައްގީކުރާ ސަރަހައްދު ކައުންސިލުން އެމްޕީއެލްއާ ހަވާލުކުރުމެވެ. ދެވަނަކަމަށް މިމަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ބައި އެމްޓީސީސީއާއެކު ކޮންޓްރެކްޓެއްގައި ސޮއިކުރުމެވެ.

މިވަގުތު ސޮއި ކުރެވުނު އެގްރީމެންޓުގައި މިހިމެނެނީ ތިނަދޫ ކައުންސިލުން އެމްޕިއެލްއާ ހަވާލުކުރެއްވި އެއްލައްކަ އަށްހާސް އަކަފޫޓުގެ ބިމުގެ ވަށައިގެން ފެންސް ޖެހުމާއި، ބިން ލެވެލްކޮށް އެބިމުގައި ސެކިއުރިޓީ ޕޯސްޓެއް އެޅުން އަދި ސްޓޯމް ވޯޓާރ ޑްރެއިން ނިޒާމެއް ގާއިމްކުރުމުވެ.

މިކޮމްޕޮނެންޓް ނިމުމުގެ ކުރިން ފުރަތަމަ ފިޔަވަހީގެ ދެވަނަ ކޮންޕޮނެންޓުގެ މަޝްވަރާތައް އެމްޓީސީސީއާއެކު ކުރެވި ފައިނަލްކުރެވޭ ހިސާބަށް ގޮސްފައިވާކަމަށް ޝާހިދު ހާމަކުރެއްވިއެވެ.

އޭގެތެރޭގައި މިހިމެނެނީ ފަސްހާސް އަކަފޫޓުގެ ގުދަނެއް އެޅުމާއި މިޕޯޓަށް ބޭނުންވާ އެޑްމިނިސްޓްރޭޓިވް ބިލްޑިންގެއް ހެދުމެވެ. އެބލްޑިންގައި ކަސްޓަމްސް، އެމްޕީއެލް އަދި އިމިގްރޭޝަންގެ މުވައްޒަފުން މަސައްކަތްކުރަމުންގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިޔަށް އޮތް ދެހަފްތާތެރޭގައި މިމަސައްކަތަށް ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ގާއިމްކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި ފުރަތަމަ ފިޔަވަހީގެ މިދެކޮންޕޮނެންޓްގެ މަސައްކަތް އެމްޓީސީސީއިން ކުރިޔަށް ގެންދަވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

މިބަދަރު ހެދިގެންދާއިރު މިބަދަރު އޮޕަރޭޓްކުރެވިގެންދާނީ އެމްޕީއެލްއިން މިހާރުވެސް މެނޭގްކުރަމުންދާ ދެބަދަރު ކަމަށްވާ ކުޅުދުއްފުށީ ރީޖަނަލްޕޯޓާއި ހިތަދޫ ރީޖަނަލްޕޯޓާ އެއްގޮތަށް އެއްމެނޭޖްމެންޓް މެކޭނިޒަމްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އަދި މިދެޕޯޓަށްވެސް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމުގައި އެމްޕީއެލްއިން މަސައްކަތްކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިބަދަރުގެ ސަބަބުން މިސަރަހައްދުގެ ވިޔަފާރިވެރިން، އާއްމު ރައްޔިތުން އަދި އެހެނިހެން ސިނާޔަތްތަކަށް މިކަމުން ގިނަފައިދާތަކެއް ލިބިގެންދާނެކަމަށް އެމްޕީއެލްގެ ސީއީއޯ ފާހަގަކުރެއްވިއެވެ.

މާލެއިންވެސް ޓްރާންސިޓްކޮށް ގެނެވޭ ކާގޯއަށްވެސް ޚިދުމަތްދެވޭނެކަމަށާއި ކަސްޓަމް ކްލިޔާކޮށް މުދާ ގުދަންކޮށް އެމުދާ އެތެރެކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭވަރުގެ ވަސީލަތްތައް ގާއިމްކުރެވިގެންދާނެކަމަށެވެ.

އަމާޒަކީ މިވަގުތު ގާއިމުކުރެވޭ ޕޯޓް ފެސިލިޓީއިން ސްޓޭޓް ޝިޕިންގއިން މިހާރު އޮޕަރޭޓްކުރައްވާ ވެސެލްއަށް ފުރިހަމަ ޚިދުމަތްދެވޭނެ ވަސީލަތްތައް ގާއިމްކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޕޯޓުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކާއި، ޚިދުމަތްތައް އިތުރުވާ ވަރަކުން ޕޯޓުގެ ޚިދުމަތްތައް އިތުރުކޮށް ވަސީލަތްތައް އިތުރުކުރަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް އަވަހަށް މުވައްޒަފުން ނަގާނެ ކަމަށާއި ތިނަދޫ އަދި ހުވަދުއަތޮޅުގެ ރައްޔިތުންނަށް އިސްކަންދޭނެކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން އަންނަ ކާގޯބޯޓުތައް ކައިރިކުރެވޭގޮތަށް ގދ.ތިނަދޫގައި ތަރައްޤީކުރަމުންގެންދާ ރީޖަނަލް ޕޯޓްގެ އޮޕަރޭޝަންތައް ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި 3.3 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.