English Edition
Dhivehi Edition

ގދ. ތިނަދޫގެ ޖަމިއްޔާއެއް ކަމަށްވާ ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިއްޔާއިން އިސްނަގައިގެން ތިނަދޫގައި ކުރިއަށްގެންދާ “ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯނަމެންޓް 2020” ގައި ބައިވެރިވުމަށް ހުޅުވާލެވުނު ފުރުސަތުގެ ސުންގަޑި ހަމަވިއިރު ޖުމްލަ 40 ކުޅުންތެރިން ރަޖިސްޓްރީ ކޮށްފިއެވެ.

މުބާރާތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޓޭޑް ޖަމިއްޔާގެ ރައީސް އިނާޒު މުހައްމަދު ވިދާޅުވީ މުބާރާތުގެ ގުރުއަތުލުން މި ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ. އަދި މި މުބާރާތުގައި ކުރިން ތިނަދޫގައި ބޭއްވުނު މިފަދަ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިން ރަޖިސްޓްރީ ވެފައި ތިބުމަކީ މުބާރާތުގެ ފޯރި ގަދަވާނެ ކަމެއް ކަމަށް ބެލެވޭ ކަމަށް އިނާޒު ވިދާޅުވިއެވެ.

މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ “ޕްލޭސްޓޭޝަން 4” އެއްގައި އެންމެ ފަހުގެ އަޕްޑޭޓް ކޮށްފައިވާ “ފީފާ 20” ވީޑިއޯ ގޭމްގައި އިންނަ 5 މިނިޓުގެ މެޗުތައް ކަމަށާއި ކޮންމެ ޓީމެއް ނަގައިގެން ކުޅުމުގެ ފުރުސަތު ކުޅުންތެރިންނަށް އޮތްނަމަވެސް މެޗުތައް ކުޅެން ޖެހެނީ ކޮންޓްރޯލަރ ސެޓިން ޓެކްޓިކަލް ޑިފެންޑިންގަށް ލައިގެން ކަމަށް މުބާރާތުގެ ގަވާއިދުގައި ބުނެއެވެ. މި ޤަވާޢިދު މިހާރު ވަނީ ކުޅުންތެރިންނާއި ޙިއްސާ ކުރެވިފައެވެ.

25 ޑިސެންބަރުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވި ޖުމްލަ 40 ކުޅުންތެރިން 8 ގްރޫޕަށް ބަހާލައިގެން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ގްރޫޕަކުން އެންމެ މޮޅު 2 ޓީމު ރައުންޑް އޮފް 16 އަށް ހޮވުމަށް ފަހު އޭގެ ތެރެއިން ނޮކް އައުޓް އުސޫލުން ކުޅެ ގަދަ 8 ޓީމު ކުއާޓަރ ފައިނަލަށް ހޮވިގެންދާނެ ކަމަށް އޭ.އޯ. ނިއުސް އަށް މަޢުލޫމާތު ދެއްވިއެވެ.

ޗެމްޕިއަންކަން ހޯދާ ފަރާތަކަށް “ޕީ.އެސް. 5” އެއް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ، ތިނަދޫ ޒުވާނުންގެ މެދުގައި ވީޑިއޯ ގޭމް ކުޅުމުގެ ހުނަރު ކުރިއެރުވުމުގެ މަގްސަދުގައި އެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ހޯދައި ދިނުމަށް ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.