މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ. ވޭމަންޑޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން ފުލުހުން ހާމަކުރާ ގޮތުގައި ވޭމަންޑޫގައި ހިންގި އޮޕަރޭޝަނަކީ އެ އަތޮޅު ކިނބިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ވޭމަންޑޫ ބަނދަރުމަތިން 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ.
ކިނބިދޫގައި މަސައްކަތްކުރާ ފުލުހުންނާ، ވޭމަންޑޫގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމުގައި ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.