English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގައި ހިންގަމުން ގެންދާ އާރލީ ޓަޗް ފުޓްބޯލް އެކަޑަމީ(އީޓީއެފްއޭ)ގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

އިއްޔެ ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުއްﷲ ސާދިޤު(ސޯބެ)އެވެ.އައްޑޫ ސިޓީގެ ކައުންސިލް މެމްބަރުންނާއި މަޝްހޫރު ކުޅުންތެރިން ބައިވެރިވި މި ހަފްލާގައި އެ އެކަޑަމީގައި ތަމްރީނު ހޯދަމުންދާ ކުދިންގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތަކެއް ވަނީ ކުޅެފައެވެ.

މި ހަފްލާގައި އެކަޑަމީގެ ދަރިވަރުންނާއި މުހާތަބުކޮށް ވާހަކަދައްކަމުން ސޯބެ ވަނީ ކުދިންގެ ހުނަރަށް ތައުރީފުކޮށްފައެވެ. “ނިމިގެން ދިޔަ އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުންވެސް އެގިގެން ދިޔަ ޝަމްސުއްދީން ސްކޫލުގެ ކުދިންގެ ކުޅުމުގެ ތަފާތުކަން. ހުރިހާ ކުދިންވެސް މަސައްކަތްކުރަންވީ ގައުމީ ޓީމަށްކުޅުމަށް. “މީގެ އިތުރުން ސޯބެ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން އެކަޑަމީއަށް ވެދެވެން އޮށް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެކަމަށެވެ. ސޯބެ ވަނީ ދަރިވަރުންގެ ކިބައިގައި ހުނަރު އެބަހުރިކަމަށް ވިދާޅުވެ، ހިތްވަރާއެކު ކުރިއަށް ދިއުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފައެވެ.

އީޓީއެފްއޭގެ ބާނީ ހީނާ ސަލީމް ވަނީ މި މަސައްކަތުގައި ބެލެނެވެރިން ދެއްވާ އެހީތެރިކަން ފާހަގަކޮށް ބެލެނެވެރިންނަށް ޝުކުރުއަދާކޮށްފައެވެ. މީގެ އިތުރުން ހީނާވަނީ އީޓީއެފްއޭ ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި، މީދޫ ގައި އެކަޑަމީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް ވާހަކަދައްކާފައެވެ.

މި ހަފްލާގައި އީޓީއެފްއޭގެ ދަރިވަރުންނަށް ހަނދަނީ ލިއުމާއި، މެޑަލް އަދި ހަދިޔާވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން އީޓީއެފްއޭގެ ފަރާތުން މީދޫގައި ކުޅިވަރުގެ ރޮގުން ފާހަގަކޮށްލެވޭ ދެ ބޭފުޅުންނަށްވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

މީދޫގައި ހިންގަމުންދާ އީޓީއެފްއޭގައި ހުޅުދޫ މީދޫ އަށް ނިސްބަތްވާ 40 އަށްވުރެ ގިނަ ކުދިން ތަމްރީނު ހޯދަމުންދެއެވެ