އައްޑޫ ސިޓީ މީދޫގައި ހިންގަމުން ގެންދާ އާރލީ ޓަޗް ފުޓްބޯލް އެކަޑަމީ(އީޓީއެފްއޭ)ގެ ހަތަރުވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.
ހުކުރުދުވަހު ހަވީރު މީދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ މީދޫގެ ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުހައްމަދު ކާމިލްއެވެ.އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލް މެމްބަރު ހިޔާޒް ހަސަން އާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ކުރީގެ މަޝްހޫރު ކުޅުންތެރިން ބައިވެރިވި މި ހަފްލާގައި އެ އެކަޑަމީގައި ތަމްރީނު ހޯދަމުންދާ ކުދިންވަނީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުތަކެއް ކުޅެފައެވެ.
މިހަފްލާގައި ދަރިވަރުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ޝަރަފުވެރި މެހެމާނު ކާމިލް ވިދާޅުވީ ކުޅުންތެރިން އަބްދުވެސް ވާން ޖެހޭނީ އެހެން ކުދިންނަށް ނަމޫނާއެއް ކަމުގައެވެ. އަދި އަބަދުވެސް ރަގަޅު އަހްލާގާއެކު މަސައްކަތް ކުރަން ޖެހޭނީ ގައުމީ ޓީމްއަށް ކުޅުމުގެ އަޒުމާއެކުގައި ކަމަށް ކާމިލްވަނީ ވިދާޅުވެފައެވެ.
މި ހަފްލާގައި މީދޫގެ ފުޓްބޯޅަ ކުރިއެރުމަށް މަސައްކަތްކޮށްފައިވާ ފަރާތްތަކަށާއި މީދޫއަށް ފުޓްބޯޅައިގައި ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް އީޓީއެފްއޭގެ ފަރާތުންވަނީ ހަނދާނީ ފިލައާއި ސެޓްފިކެޓް ހަވާލުކޮށްފައެވެ