ފަރެސްމާތޮޑާ ދާއިރާގެ ރަށްތަކަށް ހާއްސަ ކޮށްގެން ކުރިއަށްގެންދާ “ފަރެސްމާތޮޑާ ދާއިރާ ހޮލިޑޭ ކަޕް 2020” ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގެ ދެވަނަ މެޗު ފިޔޯރީ ފެނަކަ ޓީމް ކާމިޔާބު ކޮށްފައިވާއިރު، ފިރިހެން ޑިވިޜަންގެ ދެވަނަ މެޗު ކާމިޔާބު ކޮށްފައިވަނީ ޓީމް ބެރޯ އެވެ.
މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޜަންގެ ދެވަނަ މެޗުގައި ފިޔޯރީ ފެނަކަ ޓީމާއި ބައްދަލުކުރީ ފަރެސްމާތޮޑާ ޓީމެވެ. މި މެޗުގެ 3 ސެޓުން ވެސް ކުރި ހޯދާފައިވަނީ ފިޔޯރީ ފެނަކަ ޓީމުންނެވެ. އެއީ ފުރަތަމަ ސެޓުން 25-17، ދެވަނަ ސެޓުން 27-25 އަދި ތިންވަނަ ސެޓުން 25-22 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ފިޔޯރީ ފެނަކަ ޓީމުގެ ޖޯޒީ ނަންބަރު 11 ނަދީމާ އިބްރާހިމެވެ.
މިއަދުގެ މެޗްތައް ނިމުމަކަށް އައިސްފައިވަނީ މިރޭގެ ފިރިހެން ޑިވިޜަންގެ ދެވަނަ މެޗް ފޯރިގަދަ ކުޅުމެއް ކުޅެ ޓީމް ބެރޯ އިން ކާމިޔާބު ކޮށްގެންނެވެ. މިރޭގެ މި މެޗުގައި ބައްދަލުކުރީ ޓީމް ބެރޯ އަދި ޓީމް ރާވެރިޔާ އެވެ. 5 ސެޓަށް ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު 29-27 ޕޮއިންޓުން ޓީމް ބެރޯ ގެންގޮސްފައިވާއިރު ދެވަނަ ސެޓުން 18-25 އަދި ތިންވަނަ ސެޓުން 22-25 ޕޮއިންޓު ހޯދައި ޓީމް ރާވެރިޔާ އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ހަތަރުވަނަ ސެޓު 25-20 އަދި ފަސްވަނަ ސެޓުން 15-11 ޕޮއިންޓު ހޯދައި 3 ސެޓު 2 ސެޓުން މެޗު ކާމިޔާބު ކޮށްފައިވަނީ ޓީމް ބެރޯ އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޓީމް ބެރޯގެ ޖޯޒީ ނަމްބަރ 9 މުޙައްމަދު ފަތޫ ފަތުހުﷲ އެވެ.
މި މުބާރާތުގައި މާދަމާގެ މެޗުތަކުގައި ކުޅެން ތާވަލު ކުރެވިފައިވަނީ ފިރިހެން ޑިވިޜަންގެ ފިޔޯރީ ފެނަކަ ޓީމާއި ރާވެރިޔާ ޓީމުގެ އިތުރުން އަންހެން ޑިވިޜަންގެ ރަޓުކޫދު ޓީމާއި ފަރެސްމާތޮޑާ ޓީމެވެ.