ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ފިޔޯރީ، ފަރެސްމާތޮޑާ އަދި ރަތަފަންދޫ އަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނު “ފަރެސްމާތޮޑާ ދާއިރާ ހޮލިޑޭކަޕް 2020” ވޮލީބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ.
މިއަދު ހަވީރު 16:15 ގައި ގދ. ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތަށްފަހު މި މުބާރާތް ފަށްޓަވައިދެއްވީ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފިރިހެން ޑިވިޜަންގެ ފިޔޯރީ ފެނަކަ ޓީމާއި ރަތަފަންދޫ ޓީމެވެ. މި މެޗު 3 ސެޓުން ކާމިޔާބު ކޮށްފައިވަނީ ފިޔޯރީ ފެނަކަ ޓީމުންނެވެ. އެއީ ފުރަތަމަ ސެޓުން 25-18 އަދި އަނެއް ދެ ސެޓުން 25-19 ޕޮއިންޓު ހޯދައިގެންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފިޔޯރީ ފެނަކަ ޓީމުގެ އަލީ ހަމީޒެވެ.
މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރީ ފިޔޯރީ ޕޮލިސް ޓީމާއި ރަޓު ކޫދު ޓީމެވެ. މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބު ކޮށްފައިވަނީ ޕޮލިސް ޓީމުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ފިޔޯރީ ޕޮލިސް ޓީމުން 25-24 އަދި 25-11 ޕޮއިންޓުން ގެންގޮސްފައިވާއިރު މެޗުގެ ތިންވަނަ ސެޓްގައި 22-25 ޕޮއިންޓު ހޯދައި ރަޓުކޫދު ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ހަތަރުވަނަ ސެޓް ފަސޭހަކަމާއެކު 25-15 ޕޮއިންޓުން ގެންދިޔައީ ޕޮލިސް ޓީމުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ޓީމުގެ އާމިނަތު އިބްރާހިމެވެ.
މި މުބާރާތުގެ ގްރޫޕް ސުޓޭޖުގެ މެޗުތައް މި މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ތާވަލުކުރެވިފައިވާ އިރު ކޮންމެ ދުވަހަކުވެސް ހަވީރު އަދި ރޭގަނޑު ކޮންމެ ޑިވިޜަނަކުން ވެސް އެއް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2 ޑިވިޜަނުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް ތަކާއެކު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އަދި 26 ގައެވެ.