English Edition
Dhivehi Edition
ސިފައިންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ކުރިއަށްގެންދާ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.

ހދ. ކުޅުދުއްފުށި އަތޮޅު ތަޢުލީމީ މަރުކަޒުގައި މިއަދު ކުރިއަށްދާ މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާއަށް ވަނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ސިފައިންގެއާއި ސިފައިންގެ ވަޒީފާއާ ގުޅޭ ގޮތުން މަޢުލޫމާތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސިފައިންގެ ވަޒީފާގައި ކުރިއަށް ދެވޭނެ ދާއިރާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ސިފައިންގެ މަރުކަޒުތަކާއި ސިފައިންގޭގައި ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރުމަށް ވަނީ ހަމަޖެހިފައިވާއިރު ސިފައިންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިއަދު ކުޅުދުއްފުށީގައި ފެށިގެންދިޔަ މި ޕްރޮގްރާމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފްގެ އިތުރުން ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤު ވަނީ، ބައިވެރިވެވަޑައިގެން ޒިޔާރަތްކުރި ފަރާތްތަކަށް މަޢުލޫމާތު ދެއްވާފައެވެ.

މި ޕްރޮގްރާމުގައި ސިފައިންގޭގައި ހުރި ފުރުޞަތުތަކާއި ސިފައިންގެއާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅައިދީފައެވެ. ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ކުރިއަށް ދާ ދުވަސްތަކުގައި ކުރިއަށް ގެންދާ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ޕްރޮގްރާމް، ހދ.ކުޅުދުއްފުށީގެ އިތުރުން ހއ.ދިއްދޫއާއި ހއ.އިހަވަންދޫގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.