English Edition
Dhivehi Edition

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމެއް ގދ. ތިނަދޫގައި ހިންގަން ނިންމައިފިއެވެ.

“ގާލްސް ޓު ކޯޑު” ގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމުގެ ދެވަނަ ބުރު ތިނަދޫގައި ފަށާނީ 2021 ވަނަ އަހަރުގެ ޖަނަވަރީ 10 ވަނަ ދުވަހު އެވެ. ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރި ވެވޭނީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ.

އަންހެން ކުދިންނަށް ކޯޑް ކުރަން ދަސްކޮށް ދިނުމާއި އެކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ މި ޕްރޮގްރާމްގައި ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ދިރާގުން ބުންޏެވެ.

އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް. އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން މި ޕްރޮގްރާމްގައި ދަސްކޮށްދޭނެއެވެ. މީގެ ކުރިން އެއްވެސް ވަރަކަށް ކޯޑް ކުރުމުގެ ހުނަރު ނުވަތަ ތަޖުރިބާ ނެތް ކުދިންވެސް މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި، އެފަދަ ދަރިވަރުންނަށް އިސްކަން ދޭނެކަމަށް ދިރާގުން ވަނީ މައުލޫމާތު ދީފައެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އިން ބުނީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދުކަމަށާއި މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާ އަށް އަންހެން ކުދިން ތައާރަފުކުރަން މުހިންމު ކަމަށެވެ.

ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލައި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގަން ވިމެން އިން ޓެކް މޯލްޑިވްސް އިން ވަނީ ނިންމާފައެވެ.

ތިނަދޫގައި މި ޕްރޮގްރާމުގައި ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން “ގާލްސް ޓު ކޯޑް” މި ލިންކަށް ޒިޔާރަތްކޮށް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ސަބްމިޓް ކޮށްލައްވާށެވެ.