English Edition
Dhivehi Edition

އައްޑޫސިޓީ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖް މޯލްޑިވްސް އިން ސަޓާގެ 2 އެވޯޑެއް ކާމިޔާބު ކޮށްފިއެވެ. ޑިސެމްބަރ 15 ވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި ސައުތުއޭޝިއަން ޓްރެވެލް އެވޯޑް ޙަފްލާގައި އީކުއޭޓަރ ވިލެޖް ނޮމިނޭޓްވި އެއް ކެޓަގަރީއަކީ ލީޑިން އެއަރޕޯޓް ހޮޓަލެވެ. ސިލްވަރ އެވޯޑު މިކެޓަގަރީއިން އުފުލާލިއިރު އީކުއޭޓަރ ވިލެޖް ދެން ކާމިޔާބު ކޮށްފައިވަނީ ލީޑިން ހެރިޓޭޖް ހޮޓެލް ރިސޯޓްގެ އެވޯޑެވެ. ދެކުނު އޭޝިއާގެ ތާރީޚާއި ތަރިކައިގެ މުހިއްމު ބިނާތަކެއް ރަމްޒުކޮށްދޭ ވަރުގަދަ ހޮޓާތަކާ ވާދަކޮށް އީކުއޭޓަރ ވިލެޖް ވަނީ މިކެޓަގަރީންވެސް ސިލްވަރ އެވޯޑް ޙާސިލް ކޮށްފައެވެ.

ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފަތުރުވެރިކަމާއި ގުޅޭ ޝަރަފްވެރި 2 އެވޯޑެއް މިހޮޓެލުން ކާމިޔާބު ކޮށްފައިމިވަނީ ސައުތުއޭޝިޔާގެ މަޝްހޫރު އެތައް ހޮޓެލްތަކަކާއި ވާދަކޮށްގެންނެވެ. ކައިމޫ ހޮޓެލްސް އިން އައްޑޫގައި ހިންގާ އީކުއޭޓަރ ވިލެޖް ގެ މިއެވޯޑާއި އެކު ވިދިވިދިގެން 2 އަހަރު ލީޑިން އެއަރޕޯޓް ހޮޓެލްގެ މަޤާމު އެހޮޓެލްވަނީ ދިފާޢުކޮށްފައެވެ. މީގެއިތުރުންވެސް ލީޑިން ބުޓިކް ހޮޓެލް އެވޯޑާއި އަދިވެސް ބައިނަލްއަޤްވާމީ ގިނަ އެވޯޑުތަކެއް އީކުއޭޓަރ ވިލެޖުންވަނީ މިހާތަނަށް ޙާސިލުކޮށްފައެވެ.

2017 ވަނަ އަހަރު ބޭއްވި ސަޓާއެވޯޑް ޙަފްލާ އީކުއޭޓަރ ވިލެޖުގައި ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ޙަފްލާގެ ތެރެއިން

އިނގިރޭސިވިލާތުގެ ރޯޔަލް އެއަރ ފޯސްގެ މިލިޓަރީ ބޭހެއް ރާއްޖޭގައި ހިންގި އިރު ގަމުގައިއެމީހުން ހަދާފައިވާ އޭރުގެ ބިނާތަކުގެ އަސްލު ސިފަ ނުގެއްލޭގޮތަށް ފަރުމާ ކޮށްގެން ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖް މޯލްޑިވްސް އަކީ ތަނުގެ ޤުދުރަތީ ރީތި ކަމާއި ހިތްފަސޭކަމުގެ އިތުރަށް ތަނުންލިބޭ މެހެމާންދާރީގެ ފުރިހަމަކަމަށްޓަކައި ބޭރުގެ ފަރާތްތަކާއި އަދި ވަކިން ޚާއްސަކޮށް ޔޫރަޕްގެ ފަތުރުވެރިންގެ ތަޢުރީފް އޮހެމުންއަންނަ ހޮޓަލެކެވެ. އައްޑޫސިޓީގެ އެއަރޕޯޓް އޮންނަ ގަމުގައި ހުރި ހަމައެކަނި ޓޫއަރިސްޓު ހޮޓަލަކަށް މިތަން ވެފައި އައްޑޫގެ ޤުދުރަތީ ހިތްގައިމު ތަންތަނާއި ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލާލަން ބޭނުންވާ އެތައް ބަޔަކު މިހޮޓެލް ޚިޔާރު ކުރަމުން ދެއެވެ.

 

156 އެނދުގެ މިހޮޓަލަކީ އައްޑޫސިޓީގައި ހުރި ޓުވަރިސްޓުންނަށް ޚިދުމަތްދޭ އެންމެ ދުވަސްވީ ހޮޓަލްވެސްމެއެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ބޭއްވި އިންޓަރނޭޝަނަލް ޓްރެވަލް އެވޯޑް ބޭއްވީވެސް އީކުއޭޓަރ ވިލެޖްގައެވެ. މީގެ އިތުރުންވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ރަސްމިއްޔާތުތަކާއި ޙަފްލާތަށް އީކުއޭޓަރ ވިލެޖްގެބްލޫ ލެގޫންސްގެ ތަނަވަސް މާޙައުލުގައި ބާއްވަމުންއާދެއެވެ.

އީކުއޭޓަރ ވިލެޖަކީ ކޮވިޑް 19 އަށް ފަހު ރިސޯޓުތައް ބަންދު ކުރިފަހުން އައްޑޫސިޓީން ފުރަތަމަ ހުޅުވަން ހުއްދަ ލިބުނު ހޮޓަލެވެ.

އިއްޔެ ބޭއްވި ސަޓާ އެވޯޑުގައި އައްޑޫސިޓީގެ ވޭވްސައުންޑް ބައި ތްރީއެސް މޯލްޑިވްސް ވެސް ވަނީ އެވޯޑެއް ޙާސިލް ކޮށްފައެވެ. އެހޮޓަލަށް ލިބިފައިވަނީ ލީޑިން އެކޯ ފްރެންޑްލީ ސިޓީ ހޮޓެލްގެ އެވޯޑެވެ.