English Edition
Dhivehi Edition
ގއ. ވިލިނގިލި/ ފޮޓޯ ޖަމްޝީދު އަލީ

ގއ. އަތޮޅު ވިލިނގިލީގައި ހުޅުވުމަށް ހަމަޖެހިފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރ އަށް ކިޔާނެ ހުވަދޫ ނަމެއް ހޯދުމަށް ގއ .އަތޮޅު ކައުންސިލުން ރައްޔިތުންގެ ޚިޔާލަށް އާންމުކޮށް ހުޅުވާލައިފިއެވެ.

ގއ. އަތޮޅު ކައުންސިލްގެ ފޭސްބުކް ޕޭޖްގައި މިއަދު އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 22 ޑިސެމްބަރ 2020ވާ އާދީއްތަ ދުވަހުގެ ކުރިން ރީތި ނަމެއް ހޯދުމަށް އެދި ކޮށްފައިވާ ޕޯސްޓަށް ކޮމެންޓްގެ ގޮތުގައި ނަން ހުށަހެޅުއްވުން އެދޭކަމަށެވެ. މި ޕޯސްޓަށް މިހާރުވެސް ގިނަ ބަޔަކު ވަނީ ކޮމެންޓްކޮށްފައެވެ.

ސުނާމީ ކާރިސާއާއި ގުޅުވައިގެން ފާހަގަ ކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާ ކުލަގަދަކޮށް ވިލިނގިލީގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު މި ރަސްމިއްޔާތު ތަކުގެ ތެރޭގައި އެ ރަށުގައި ހުޅުވާ ޑްރަގް ސެންޓަރު ހުޅުވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސެންޓަރު ހުޅުވައި ދެއްވަވާނީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

ދާދި ފަހުން އައްޑޫސިޓީގެ ހުޅުމީދޫގައި ހުޅުވި ޑްރަގް ސެންޓަރ ވެސް ހުޅުއްވަވައި ދެއްވެވީ ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ، ޤައުމީ ތަރައްޤީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމުގައެވެ. އަދި، މި ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން އެ ކަމުން މިންޖުކޮށްދީ، އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އެ މީހުންނަކީ ވެސް މުޖުތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް މަގު ތަނަވަސްކޮށްދޭން ޖެހިފައިވާ ކަމުގައެވެ.

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއެކު، މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދާ މީހުންނަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށާއި އަދި އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގައި ކުށުގެ ވެށްޓަށް ހުށަހެޅޭ މީހުންގެ އަދަދު ދަށްވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އައްޑޫސިޓީގެ އިތުރުން ފުވައްމުލައް ސިޓީގައި ވެސް މިފަދަ ސެންޓަރ ގާއިމު ކުރެވިފައިވާ އިރު މިއީ ގއ. އަތޮޅުގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. އަދި މިފަދަ ސެންޓަރެއް ވިލިނގިލީގައި ހުޅުވިގެން ދިއުމަކީ މުޅި ހުވަދު އަތޮޅަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.

 

 

1 ކޮމެންޓް
Thenqdhu
ޑިސެމްބަރު 15, 2020
Ganmane budhubovayaa ragale kun