English Edition
Dhivehi Edition
ވީއައިއޭގެ ސީޕްލޭން ޓާމިނަލް - ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި، އެ ކުންފުނީގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގެ “އެކްސެކެޓިވް ލައުންޖު”ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް، ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމްއޭސީއެލް އިން ބުނީ ބީލަމަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރުވެސް ގިނަ ފަރާތްތަކަކުން ރަޖިސްޓްރީވުމަށް ޝައުގުވެރިކަން (EOI) ފާޅުކުރަމުންދާތީ ރަޖިސްޓްރީވުމުގެ މުއްދަތު 2020 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުމަށް އެދޭ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެ ކަމަށާއި، އެގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރަށް މިހާތަނަށް އެ ބީލަމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި އަދި EOI ފޮނުވައިފައިވާ ފަރާތްތަކަށް އަލުން ރަޖިސްޓްރީވާން EOI ފޮނުވަން ނުޖެހޭނެ ކަމުގައިވެސް އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު/ސީޕްލާން/ޓުއޯރ އޮޕަރޭޓުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންވާނެެ ކަމަށާއި، USD 10,000 (ނޫނީ އެޔާ އެކަށީގެންވާ ދިވެހި ރުފިޔާ) ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަންބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެ ކަމުގައިވެސް އިޢުލާނުގައި ބުނެފައިވެއެވެ.