English Edition
Dhivehi Edition
އެމްއެންޑީއެފް އިން މާލޭގައި ބޭއްވި ޕެރޭޑެއްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ ވަޒީފާއަށް އަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ސިފައިންގެ ވަޒީފާއަށްއެދި ހުށަހެޅުމުގެ މުއްދަތު، 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި، އުމުރުފުރާ ބަލާ ތާރީޚުވެސް 2021 ފެބުރުވަރީ 04 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމަށެވެ.

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން ހުޅުވާލީ ނޮވެންބަރު 30 ވަނަ ދުވަހު އެވެ.

ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، ޢުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުމާއި، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމުގެ އިތުރުން އިސްކޮޅުގައި ފިރިހެނެއްނަމަ 5 ފޫޓު 5 އިންޗި އަދި އަންހެނެއް ނަމަ 5 ފޫޓު 3 އިންޗި ހުރުން ހިމެނެއެވެ.

މީގެ އިތުރުން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާންކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއު ތަކަށާއި، ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލެވޭނެ ކަމުގައި ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސްގެ ވެބްސައިޓް އަދި އެމް.އެން.ޑީ.އެފްގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާނީ، އެމީހަކު އިންޓަރވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމް ބަލައިގަތުމަށް ކަނޑައަޅާފައިވާ މަރުކަޒަކަށް ނުވަތަ މިނިސްޓްރީ އޮފް ޑިފެންސްގެ އީމެއިލް [email protected] އަށް ކަމަށެވެ. އަދި އޭރިއާ ތަކުގައި އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތައް ސިފައިންގެ ވަޒީފާއަށް އެދޭ ފޯމްގައި ބަޔާންކުރެވިފައިވާނެއެވެ.