English Edition
Dhivehi Edition

ގއ.ކޮނޑޭގެ ފުއްޓަރު ފަރާތު ސަރަހައްދުގައިި މުޅިން އަލަށް ޕިކްނިކް އޭރިޔާއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޓޮޕް ތްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފިއެވެ.

ކައުންސިލް ރައީސް އަހުމަދު އަބްދުލް ހަކީމް (އަހުމަދު) ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކުރި މި މަސައްކަތް ދެމަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި، މިއީ ދެލައްކަ އަށްޑިހަ ހާސް ރުފިޔާގެ ބަޖެޓެއް ކަނޑައެޅިގެން ހިންގާ ޕުރޮޖެކްޓެއް ކަމަށެވެ.

“”މިފަދަ ޕިކްނިކް އޭރިޔާއެއް ތަރައްގީ ކުރުމަކީ ކައުންސިލުން ވަރަށް ދުރާލާ ވިސްނާފައިވާ ކަމެއް. މިއަހަރު ކުރީކޮޅު މަސައްކަތް ފަށަން ނިންމި ނަމަވެސް، ކޮވިޑް ގެ ހާލަތާއި ގުޅިގެން މަސައްކަތް މަޑުޖައްސައިލަން ޖެހުނީ ” އަޙްމަދު ވިދާޅުވިއެވެ.

މީގެ އިތުރަށް އަހުމަދު ވިދާޅުވީ މިއީ ހަމައެކަނި ޕިކްނިކް އޭރިޔާއެއް ނޫންކަމަށާއި، މޫދު ކުޅިވަރަށް ހާއްސަ ސަރަހައްދެއްގެ އިތުރުން ކުޑަކުދިންގެ ޕާކަކާއި، ހިތްފަސޭހަ މައިޒާންތަކެއް ވެސް މި ތަން ތަރައްގީކޮށް ނިމޭއިރު ހުންނާނެ ކަމަށެވެ.

މިފަދަ ސަރަހައްދުތައް ތަރައްގީ ކުރުމުގެ ސަބަބުން ރަށަށް ގިނަބަޔަކު ޒިޔާރަތްކޮށް ރަށުގައި ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްޤީވެ ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ކައުންސިލްގެ ރައީސް ވަނީ ފާހަގަ ކުރައްވާފައެެވެ.

ކޮނޑޭގައި ވެސް ގިނަ ޕްރޮޖެކްޓް މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ވެސް ރާވައި ހިންގުމަށް ނިންމާފައިވާއިރު ، މިއަހަރު ތެރޭގައި ކޮނޑޭ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫޢު ތަކުގެ ތެރޭގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ޓެގު