English Edition
Dhivehi Edition

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، ތ. މަޑިފުއްޓާއި އައްޑޫސިޓީ ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން މަޢުލޫމާތު ދެއްވާގޮތުގައި މި ދެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 46 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.

މި ދެ މީހުންގެ ތެރެއިން 46 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފޭދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާގެ ހަށިގަނޑާއި އޭނާއާ ގުޅުންހުރި ތަކެތި ބަލައި ފާސްކޮށް މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ގަމު ބަނދަރުމަތިންކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ އޮޕަރޭޝަނުގައި، އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މީގެ އިތުރުން 37 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ތ. މަޑިފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށްފަހު މި ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ރަބަރު ހޮޅިކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.