މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެގޮތުން “ޒިމަމަން މަސްރޭސް” ނަމުގައި ބޭއްވި މަސް ރޭހުގައި 91.30 ކިލޯގެ މަސް ބާނައިގެން ޓީމް ހޮސްޕިޓަލުން މުބާރާތުގެ 1 ވަނަ ހޯދައިފިއެވެ.
ގދ. ތިނަދޫގައި ހުވަދޫ ރިކްރިއޭޝަންސް ޖަމިއްޔާ އަދި ޒިމަމަން ރެސްޓޯރަންޓު ގުޅިގެން ބޭއްވުނު މި މަސް ރޭހުގައި ބައިވެރިވި ޓީމުތަކުން ތިނަދޫ އައިސް ޕްލާންޓް ސަރަހައްދު ފާލަމުން ފުރާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ. އަދި ރޭގަނޑު 22:00 ގެ ކުރިން މަސްބާނައިގެން ރަށަށް އަންނަން މި ޓީމުތަކަށް އަންގާފައި ވީނަމަވެސް އެއް ޓީމުން ދެވިފައިވާ ވަގުތަށް ފާލަމަށް އައިސްފައި ނުވުމާއި ގުޅިގެން އެ ޓީމު ވަނީ މުބާރާތުން ޑިސްކޮލިފައި ކޮށްފައެވެ.
މި މުބާރާތުގައި 7.2 ކިލޯގެ މަހެއް ބާނައިގެން އެންމެ ބަރު މަސް ބޭނި ފަރާތަކަށް ހޮވިފައިވަނީ ވެސް ޓީމް ހޮސްޕިޓަލެވެ. އަދި އެންމެ ދިގު މަސް ބޭނި ފަރާތަކަށް ހޮވިފައިވަނީ 41 އިންޗީގެ މަހެއް ބޭނި “ޓީމް ފީގޯ” އެވެ. މި ފަރާތްތަކަށް ފައިސާގެ އިނާމު ހަވާލުކޮށް ދެއްވުމަށް ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދުގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޢުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ސަނީފް ވަނީ އެ ސަރަހައްދަށް ވަޑައިގަންނަވާފައެވެ.
ޓީމު ތަކުން މަސްބާނައިގެން އަންނަން އޮތް ގަޑިއާއި ދިމާކޮށް ތިނަދޫ އައިސް ޕްލާންޓް ސަރަހައްދުގައި ޒިމަމަން ރެސްޓޯރެންޓުގެ ފަރާތުން ބާބަކިއު އެއް ތައްޔާރުކޮށްފައި ވުމާއި ގުޅިގެން މަސް ރޭހުގައި ބައިވެރިވި ޓީމުތަކަށް މަރުހަބާ ކިޔުމަށް ގިނަ ޒުވާނުންތަކެއް އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައިވާކަން ފާހަގަކޮށްލެވެއެވެ.