ގދ. ފިޔޯރީ ޒުވާނުންގެ އިސް ނެގުމާއެކު ބޭއްވުމަށް ހަމަޖެހިފައިވާ “ފަރެސްމާތޮޑާ ދާއިރާ ހޮލިޑޭކަޕް 2020” ވޮލީބޯޅަ މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ފިޔޯރީ ޒުވާނުންގެ މަރުކަޒުގައި ބޭއްވުނު މި ރަސްމިއްޔާތުގައި މި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޜަން ޓީމުތަކުގެ އިސް އޮފިޝަލުންގެ އިތުރުން މުބާރާތް ހިންގާ ކޮމެޓީން ވަނީ ބައިވެރިވެފައެވެ.
މި މަހުގެ 18 ވަނަ ދުވަހު ފިޔޯރީ ވޮލީ ކޯޓުގައި ފެއްޓުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް 23 ވަނަ ދުވަހާއި ހަމައަށް ތާވަލުކުރެވިފައިވާ އިރު ކޮންމެ ދުވަހަކުވެސް ހަވީރު އަދި ރޭގަނޑު ކޮންމެ ޑިވިޜަނަކުން ވެސް އެއް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2 ޑިވިޜަނުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް ތަކާއެކު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އަދި 26 ގައެވެ.
ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ފިޔޯރީ، ފަރެސްމާތޮޑާ އަދި ރަތަފަންދޫ އަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނު މި މުބާރާތުގައި އަންހެން ޑިވިޜަންގެ 4 ޓީމު ބައިވެރިވެފައިވާ އިރު ފިރިހެން ޑިވިޜަނުގައި ބައިވެރިވެފައިވަނީ 4 ޓީމެވެ.
މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ވޮލީ ކޯޓަކީ ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ފަހަތުގައި، ވާ ހެދިފައި އޮތް ތަނެއް ސާފުކޮށްގެން ޒުވާނުންގެ އަމިއްލަ މަސައްކަތުން ތައްޔާރުކުރި ކޯޓެކެވެ. އަދި ޒުވާނުންގެ މަރުކަޒުގެ ކުރިމަތީގައި އޮތް ދެ ގޯޅިގަނޑު ގައި ޒުވާނުން އަމިއްލައަށް ސޯލަރ ލައިޓް ހަރުކޮށް ދިއްލާފައި ވާކަމީ މި މުބާރާތަށް ޒުވާނުންގެ ފަރާތުން ލިބޭ ތަރުހީބު ދައްކުވައިދޭ ކަމެއް ކަމުގައި މި މުބާރާތް ހިންގާ ކޮމެޓީގެ މެންބަރު އަހްމަދު އާސިފް އޭ.އޯ. ނިއުސް އަށް މަޢުލޫމާތު ދެއްވިއެވެ.
އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ހަވީރު ފެއްޓުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފިރިހެން ޑިވިޜަންގެ ފެނަކަ އަދި ރަތަފަންދޫ ޓީމެވެ. އަދި އެ ދުވަހުގެ ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ އަންހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރަޓުކޫދު އަދި ފިޔޯރީ ޕޮލިސް ސްޓޭޝަންގެ ޓީމެވެ.