މާލޭ ސަލްމާން މިސްކިތުގެ ސަރަހައްދުގައިވާ ޕާކިން ޒޯން ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ހެންވޭރު ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިންގ ޒޯންގަ ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލުމާއި ގުޅިގެން، މިޒޯނުން ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާއި ހުރެ ކެންސަލްވި 27 ޖާގަ އާއި، ސަލްމާން މިސްކިތުގެ ސަރަހައްދުން އަލަށް ގާއިމު ކުރެވުނު 8 ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު 15 ޑިސެމްބަރ 2020 ވަނަ ދުވަހު މެންދުރު 13:00 ން ފެށިގެން ހުޅުވާލާނެ ކަމަށެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ އެ ޒޯނުން އެ 35 ޕާކިން ސްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 3،000ރ. އަށް ކަމަށާއި، އެ ޒޯނުން ޖާގަ ދެވޭނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތިނޫން ޕިކަޕަށް ކަމަށެވެ. އެ ޒޯނުތަކަށް އެދޭނީ ސިޓީ ކައުންސިލްގެ ވެބްސައިޓުގައި ވާ އެކަމަށް ޚާއްސަކޮށް ޤާއިމްކޮށްފައިވާ “ޕާރކިންގ” ޕޯޓަލް މެދުވެރިކޮށެވެ.
އެ އިޢުލާނުގައި އިތުރަށް ބުނެފައިވާ ގޮތުން އެޕޯޓަލުން ޕާރކިންގ ޒޯންގެ ޖާގައަށް އެދޭފަރާތްތައް ފުރަންޖެހޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް އަދި އަމަލު ކުރަންޖޭހޭ ގޮތް މިޕޯޓަލްގައިވާ ޕާރކިންގ އުސޫލުން އެނގެން އޮންނާނެއެވެ. އަދި މަޣުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ޖާގަހުސްވަންދެން ޖާގަ ކަށަވަރުވަމުންދާނެއެވެ. ޕާރކިންގ އުސޫލާއި ޚިލާފަށް ހުށަހަޅާފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްވާނެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ދޫކުރަން ހަމަޖެހިފައިވާ ޕާކިންގ ޒޯންގެ ޖާގަތަކާއި ހުސްވަމުންދާ ޖާގަތައް ކައުންސިލްގެ ވެބަސްއިޓްގައިވާ ޕޯޓަލުން ފެންނަން ހުންނާނެ ކަމަށާއި، ޖާގަތައް ޕޯޓަލަށް އަޕްލޯޑުވަމުންދާ ވަރަކަށް، ޖާގަތައް ހޯދަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ޖާގަތަކަށް ހުށަހެޅޭނެ ކަމަށެވެ.