މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންއަކީ ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އިތުރަށް ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި އެރަށު މަގުމަތިން 29 އަހަރާއި 31 އަހަރުގެ ދެމީހަކު ހައްޔަރުކޮށް އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 29 އަހަރުގެ މީހާ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 16 ރަބަރު ޕެކެޓް ފެނިފައިވާކަމަށެވެ،އަދި 31 އަހަރު މީހާގެ އަތުން މަސްތުވަތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ
މި މައްސަލަތަކުގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 29 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތު ދީފައިވާއިރު 31 އަހަރުގެ މީހާވަނީ ޝަރުތުކޮށް ދޫކޮށްލާފައެވެ.
މި މައްސަލަތައް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.