މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި، އެ ކުންފުނީގެ އާ ސީޕްލޭން ޓާރމިނަލް އިމާރާތުގެ “އެކްސެކެޓިވް ލައުންޖު”ގެ ގޮތުގައި ކަނޑައެޅިފައިވާ ސަރަހައްދުތައް، ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން އިޢުލާންކޮށްފިއެވެ.
އެމްއޭސީއެލް އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2020 ޑިސެންބަރު 10 ވާ ބުރާސްފަތިދުވަހުގެ މެންދުރު 1:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުމަށް އެދޭ ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެ ކަމަށާއި، ގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އެކަމަށް ކުރިމަތިލާ ފަރާތްތަކަކީ ރިސޯޓު/ސީޕްލާން/ޓުއޯރ އޮޕަރޭޓުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންވާނެެ ކަމަށާއި، USD 10,000 (ނޫނީ އެޔާ އެކަށީގެންވާ ދިވެހި ރުފިޔާ) ބިޑު ސެކިޔުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަންބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަންވާނެ ކަމުގައިވެސް އިޢުލާނުގައި ބުނެފައިވެއެވެ.
އެމްއޭސީއެލް އިން ބުނީ ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2020 ޑިސެންބަރު 30 ވާ ބުދަދުވަހުގެ މެންދުރު 1:00 ކަމަށާއި، ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށެވެ. މީގެ އިތުރުން ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ޑިސެންބަރު 30 ވާ ބުދަދުވަހުގެ މެންދުރު 1:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަދި ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެ ކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.