English Edition
Dhivehi Edition
އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް، 14 އޭޕްރީލް 2020 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބައްދަލުވުމެއްގައި - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކުރުމަށް ނިންމަވައިފި އެވެ. އެކަން ހާމަކުރައްވައި ހެލްތު މިނިސްޓަރ، އަޙްމަދު ނަސީމް ސޮއިކުރައްވާފައިވާ ޤަރާރެއް އިއްޔެ ވަނީ ނެރުއްވައިފަ އެވެ.

އެ ޤަރާރުގައި ބުނެފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މާރިޗު 12 ވަނަ ދުވަހު އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމި އޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާޓެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލުކުރެވޭކަމަށް ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި މާރިޗު 12 އިން ފެށިގެން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު، 2021 ޖަނަވަރީ 4 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމަވާފައިވާ ކަމަށްވެސް އެޤަރާރުގައި ވެއެވެ.

އެންމެ ފަހުން އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައީ އިއްޔެ އެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެ 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 2،012 ސާމްޕަލް ނަގާފައިވެއެވެ. އަދި މިހާތަނަށް 13،159 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވެފައި ވަނީ 12،264 މީހެކެވެ. މީގެ އިތުރުން މިވަގުތު ރާއްޖޭގައި ކޮވިޑް-19ގެ 841 ބަލިމީހަކު ތިބިއިރު، ހޮސްޕިޓަލްތަކުގައި 79 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.