English Edition
Dhivehi Edition
ފޮޓޯ: ރެޑްކްރެސެންޓް އައްޑޫ ބްރާންޗް

އެހީތެރިކަން ފޯރުކޮށްދެވޭ މީހާގެ ކިބައިން އެއްވެސް ފައިދާއަކަށް އުއްމީދު ކުރުމަކާ ނުލާ އެހީތެރިވެ ދިނުމަކީ، އަމިއްލަ ނަފްސަށް ލިބޭނެ އުފަލެއް ކަމަށާއި އެއީ މުޖުތަމައުގެ ބަދަހިކަން އިތުރުވާނެ ކަމެއްކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ދަރުމަވެރިންގެ ދުވަހާއި ގުޅިގެން ދެއްވި ހިތާބްގައި އިމްރާން ވިދާޅުވީ ދަރުމަވެރިކަމަކީ މުޖުތަމައުގެ ގުޅުން ބަދަހިކޮށްދޭ ސިފައެއް ކަމަށާއި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަމިއްލަ ނަފުސަށްވެސް ލިބޭ އުފަލެއް ކަމަށެވެ. ރާއްޖޭގައި ދަރުމަވެރިކަމުގެ ރޫހު އާލާކޮށް ދިރުވުމަށްޓަކައި، މުޖުތަމައުގެ ހުރިހާ ބައިވެރިން އެކަމުގައި އެކަތިގަނޑެެއްގެ ގޮތުގައި މަސަައްކަތް ކުރުމަކީ އުފާވެރި އަމާން އައްސޭރިއަކަށް ވާސިލްވުމަށް މުހިންމު ކަމެއްކަމަށް އިމްރާންވަނީ ވިދާޅުވެފައެވެ

ދަރުމަވެރިއެއްގެ ގޮތުގައި ކޮންމެ ދުވަހަކުވެސް އަމިއްލަ އެދުމުން އެއްކިބާވެ މުޖުތަމައުގެ އުފަލަށް އެހީތެރިވުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށް އިމްރާން ވަނީ ރާއްޖެގައި ދަރުމަވެރިކަމުގެ ރޫހު އާލާ ކުރުމަށް ގޮވާލާފައެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަސް ފާހަގަކުރާ ބައިނަލްއަގުވާމީ ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ރެޑްކްރެސެންޓާއި ޖަމިއްޔާ ޖަމާއަތްތަކުންވެސް ވަނީ މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ރާވާފައެވެ.