ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިއްޔާއިން އިސްނަގައިގެން ތިނަދޫގައި ކުރިއަށް ގެންދާ ޕްލޭސްޓޭޝަން ފީފާ ޓޯނަމެންޓްގެ މެއިން ސްޕޮންސަރަކަށް ޕްރިންޓެކް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިރޭ މިކަމަށް ޙާއްސަ ކޮށްގެން ބޭއްވުނު ރަސްމިއްޔާތެއްގައި މި ކޮންޓްރެކްޓުގައި ޕްރިންޓެކްގެ ފަރާތުން ސޮއި ކުރެއްވީ ޕްރިންޓެކްގެ އޮޕަރޭޝަންސް މެނޭޖަރ ޔާމިން ސަޢީދު އަދި ޓޭޑް ޖަމިއްޔާގެ ފަރާތުން ސޮއި ކުރެއްވީ ޓޭޑް ޖަމިއްޔާގެ ރައީސް އިނާޒު މުހައްމަދެވެ. 3 އަހަރުގެ މުއްދަތަކަށް ސޮއިކުރެވުނު މި ކޮންޓްރެކްޓުގެ ދަށުން މި މުބާރާތް 2020، 2021 އަދި 2022 ވަނަ އަހަރު ތިނަދޫގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަކީ، ތިނަދޫ ޒުވާނުންގެ މެދުގައި ވީޑިއޯ ގޭމް ކުޅުމުގެ ހުނަރު ކުރިއެރުވުމުގެ މަގްސަދުގައި އެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ހޯދައި ދިނުމަށް ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި އަހަރު މި މުބާރާތުން ޗެމްޕިއަންކަން ހޯދާ ފަރާތަކަށް ޕީ.އެސް. 5 އެއް ދިނުމަށް ހަމަޖެހިފައިވާއިރު 2 ވަނަ ހޯދާ ފަރާތަކަށް ޕްރިންޓެކުން ދޭ ހާއްސަ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ހަނދާނީފިލާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ގދ. ތިނަދޫ މާވަށް ދިހަރޭ ޕާކުގައި އާއްމުންނަށް ފެންނަ ގޮތަށް ޕްރޮޖެކްޓަރުގައި އަޅުވައިގެން މެޗުތައް ދެއްކުމަށް ހަމަޖެހިފައިވާ މި މުބާރާތަށް އެހެނިހެން ގޮތްގޮތުން ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ޓޭޑް ޖަމިއްޔާގެ ރައީސް އިނާޒު މުހައްމަދު އޭ.އޯ. ނިއުސް އަށް މަޢުލޫމާތު ދެއްވިއެވެ.
2019 ވަނަ އަހަރުގެ އޮކްޓޯބަރު 15 ގައި ރަޖިސްޓްރީކުރުމަށްފަހު ތިނަދޫ ޒުވާނުންގެ މެދުގައި ފޭންބޭސް ފުޓްބޯޅަ މުބާރާތެއް ބޭއްވުމުގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ތިނަދޫ މިސްކިތްތަކަށް އަތްދޮންނަ ސައިބޯނި، މި ޖަމިއްޔާގެ ފަރާތުން ވަނީ ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން ތިނަދޫ ސްވިމިންގ ޓްރެކް މަރާމާތުކޮށް ބޭނުންކުރެވޭ ހާލަތަކަށް ގެނެސްދިނުމާއި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ބޭނުންކުރުމަށް ބެންޗު ތަކެއް ތައްޔާރުކޮށްދިނުމަކީ މި ޖަމިއްޔާއިން ހިލޭސާބަހަށް ކޮށްދީފައިވާ ބައެއް މަސައްކަތްތަކެވެ. މި ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރުން ޖަމިއްޔާ ރަޖިސްޓްރީ ކުރުމުގެ ކުރިން، 2018 އަދި 2019 ވަނަ އަހަރު ވެސް ވަނީ މިފަދަ މުބާރާތްތައް ތިނަދޫގައި ބާއްވާފައިވެއެވެ.
ޕްރިންޓިން ޚިދުމަތްތަކާއި އައިޓީގެ ޚިދުމަތްތަކުގެ އިތުރުން ޓޯނަރާއި ކާޓްރިޖުވެސް ގަންނަން ލިބެން ހުންނަ ޕްރިންޓެކް އަކީ ތިނަދޫގައި މުޖުތަމައުގެ ކުރިއެރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވާ ވިޔަފާރިއެކެވެ. މިގޮތުން ޓީމުތަކަށް ސްޕޮންސަރ ދިނުމާއި މުބާރާތްތައް ރާވައި ކުރިއަށް ގެންދިއުމަށް އެކި ގޮތް ގޮތުން ޕްރިންޓެކުން އެހީތެރިވެދެއްވާކަން ތިނަދޫގެ ޒުވާނުން ފާހަގަކުރެއެވެ.