English Edition
Dhivehi Edition

އިސްލާމްދީނަށާއި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް މަލާމާތްކޮށް ފުރައްސާރަކުރުމަކީ ދިވެހި ފަސްގަނޑުގައި އަޅައިނުލައި ދޫކޮށްލެވޭނެ މައްސަލައެއް ނޫންކަމަށް ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

މީސްމީޑިޔާގައި އިސްލާމްދީނަށް ފުރައްސާރަކޮށް މާތްނަބިއްޔާއަށް ހަޖޫޖަހައި ޕޯސްޓުތައް ފަތުރަމުންދިޔަ އައްޑޫސިޓީ ހިތަދޫއަށް ނިސްބަތްބާ އަލީ އާނިމް މުފީދުގެ އަމަލުތައް ހުއްޓުވައި އޭނަޔާމެދު ފިޔަވަޅު އެޅުމަށް ދީނީ އިލްމުވެރިންދަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންނެވެ. އެހެންނަމަވެސް މިހާތަނަށް އޭނައާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ރައްޔިތުންގެ އިއްތިހާދުން މިވަނީ ފުލުހަށް ސިޓީއެއް ހުށަހަޅާފައެވެ.

ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މިމައްސަލައަކީ ދިވެހިރާއްޖެ ކަހަލަ މުސްލިމް ގައުމެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެމީހާ މިހާރުން މިހާރަށް ހައްޔަރުކޮށް ޝަރުއީ ގޮތުން ކަޑައަޅާފައިވާ ހުކުމް އޭނާގެ މައްޗަށް ތަންފީޒުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދޭކަމަށެވެ. މީގެ އިތުރުން މިސަރުކާރުގައި ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން މިފަދަ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މާ ބޮޑަށްވެސް ލަސްވެ ކަންކަން ދިގުލައިގެން ދާކަން ވެސް ސިޓީގައިވަނީ ފާހަގަކޮށްފައެވެ. މިކަންތައްތަކާމެދު ޖަވާބުދާރީވާންޖެހޭ އަދި ހިސާބު ބެއްލެވޭނެ ދުވަހެއް ވާކަން މިސިޓީގައި ހަނދުމަކޮށްދީފައިވެއެވެ.

މީސްމީޑިޔާގައި އާނިމް ކޮށްފައިވާ ޕޯސްޓުތަކުގެ ސްކްރީންޝޮޓްތައް މިސިޓީއާއެކު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ޢަލީ އާނިމް މުފީދު ގެންދަނީ މީސްމީޑިޔާގައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރުމުގެ ގޮތުން ކާޓޫންތައްވެސް ކުރަހަމުންނެވެ. އަދި މުރުތައްދު ވެފައިވާ މީހުން ތަފާތު އެކި ނަންނަމުގައި ހިންގާ ޓްވިޓާ އެކައުންޓްތަކުން ދައުރު ކުރަމުން ގެންދާ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ފުރައްސާރަ ކުރުމުގެ ކުރެހުންތައް އާނިމް ވެސް ގެންދަނީ އިތުރަށް ޝެއާ ކުރަމުންނެވެ.

ފާއިތުވި ދެއަހަރުތެރޭ ދިވެހިރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރަމުން ގެންދާ ޖަމިއްޔާ ޖަމާއަތްތަކާމެދުވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް ދިވެހިން ހިންގާ ދެމަޖިއްޔާއެއްކަމަށްވާ އެމްޑީއެން އާއި އުތެމަ އިން ރިޕޯޓްތަކެއް ނެރުމުން ވެސް ރިޕޯޓް ނެރުމުގައި އުޅުނު އެއްވެސް މީހަކަށް ސަރުކާރުން ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކުރެވެއެވެ. އެމީހުން މިހާރު ދަނީ ފާޅުގައި ދީނަށް ފުރައްސާރަކުރަމުންނެވެ.