English Edition
Dhivehi Edition

ސްކޫލަށް ނާދެވޭ ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް، ޓީޗަރުން ގެއަށް ގޮސްގެން ކިޔަވައިދޭގޮތަށް ހަމަޖައްސައި 2021 ން 2025 ށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަނުން އިފްތިތާހްކޮށްފިއެވެ.

މިއެކްޝަންޕްލޭންގެ ދަށުން 2025 ވަނަ އަހަރާ ހަމަޔަށް ހާސިލްކުރަންބޭނުންވާ 7 ކަމެއް ހިމެނިފައިވާއިރު އެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ތަރުތީބު ކުރާނޭ މައިގަނޑު ކަންކަންވެސް ހިމަނާފައިވެއެވެ.

ބައެއް ކުދިންނަނީ ސްކޫލަށް ގޮސް ކިޔެވުމުގެ މާހައުލެއް ނެތުމުގެ ސަބަބުން ތައުލީމު އުގެނުމުން މަހުރޫމްވެފައިތިބޭ ކުދިންނެވެ. އެހެންކަމުން މިސިޔާސަތުގައި ބޮޑަށް ބާރުއަޅާފައިވަނީ ސްކޫލަށް ނޮގޮސް ގޭގައި ތިބޭ ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމް އުގައިންނައިދީ އެކުދިންނަކީވެސް މުޖުތަމައު ބަލައިގަންނަފަދަ ގާބިލް ކުދިންނަށް ހެދުމަށެވެ. ޓީޗަރުން ގެޔަށްގޮސްގެން ކިޔަވައިދޭންޖެހިއްޖެ ހާލަތްތަކުގައި އެގޮތަށްވެސް ތައުލީމުފޯރުކޮށްދިނުމަށް މިސިޔާސަތުގައި ބާރުއަޅައެވެ.

ސްކޫލަށް އާދެވޭ ކުދިންގެ ތެރެއިން އެހެން ކުދިންނާ އެކު ނޫޅެވޭ ކުދިންނަށް ބޭނުންވާ މުހިއްމު ކަންކަން ދަސްކޮށްދިނުމާއި ވީހާވެސް ޅަފަތުގައި ކިޔަވައިދިނުމަށާއި އެފަދަ ކުދިންގެ ހުނަރަށް ބެލުމަށްފަހު އާއްމު ކްލާހެއްގައި ކިޔަވައިދިނުމަށް މިޕްލޭނުގައި ހިމެނިފައިވެއެވެ. އަދި ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދނުމުގައި ސްކޫލްގެ އެންމެން ޝާމިލްކުރުމުގެ 60 އިންސައްތަ ހާސިލް ކުރުމަށް ވަނީ ބާރުއަޅާފައެވެ.

ސްކޫލްތަކުގެ އިތުރުން ކޮލްޖް ޔުނިވަރސިޓީތަކުގައިވެސް މިފަދަ ކުދިންނަށް ކިޔެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އަޒުމް ކަނޑައަޅާ، މިދާއިރާއިން އިތުރަށް މީހުން ބިނާކުރުމާއި އެކަކަށް ލިބިފައިވާ މަޢުލޫމާތުތަކާއި ތަމްރީންތައް އަނެކާއަށް ފޯރުކޮށްދީގެން 2025 ވަނަ އަހަރު އަންނާންވާއިރަށް ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގެ ސިޔާސަތުގެ 40 އިންސައްތައިގައި “ހުރިހާ ކުދިން ޝާމިލްވުމުގެ ސިޔާސަތު” މިއެކްޝަން ޕްލޭނުގެ ދަށުން ކުރިޔަށް ގެންދަންވަނީ ނިންމާފައެވެ.

ހުރިހާ ކުދިން ޝާމިލްކޮށްގެން ތައުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތާއި، ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ވެބްސައިޓް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު : ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިއެކްޝަންޕްލޭނާ ބެހޭގޮތުން މީޑިޔާއަށް މައުލޫމާތުދެމުން އިންކްލޫސިވް އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރ ޖެނަރަލް އަހުމަދު އާޠިފް ވިދާޅުވީ މިހާރުވެސް ކިޔެވުމުގައި ޚާއްސަ އެހިއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި މި ސިޔާސަތާއި ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވާ ކަންތައްތައް ހާސިލްވެއްޖެނަމަ އިތުރު ކާމިޔާބުތަކެއް ލިބިގެންދާނެކަމަށެވެ.

އާތިފް އިތުރަށް ވިދާޅުވިގޮތުގައި އެމީހުންގެ އަމާޒަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ދަރިވަރުންނަށް އެންމެ ފުރިހަމަ ތަޢުލީމެއް ފޯރުކޮށްދިނުމެވެ.

މީގެކުރިން 2013 ވަނަ އަހަރުގައި މިފަދަ އެކްޝަންޕްލޭނެއް އެކުލަވާލެވިފައިވީނަމަވެސް އެޕްލޭނަށް މިވަނީ އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން ބަލާއިރު ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭއިރު އެކުދިންގެ ހުނަރުތަކުގެ މައްޗަށް ބަލައި، ކިޔަވައިދިނުމުގެ ވައްޓަފާޅި އާއި ކިޔަވައިދިނުމުގައި ސްކޫލުގެ މުދައްރިސުންގެ އިތުރަށް ސްކޫލްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ.

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމަކީ މި ސަރުކަރުގެ އަމާޒެކެވެ. އެގޮތުން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ރާއްޖޭގެ ސްކޫލްތަކުގައި މިހާރުވެސް އަންނަނީ ކުއްޖާއަށް އެންމެ އެކަށީގެންވާ ތައުލީމު ފޯރުކޮށްދެމުންނެވެ. މި އަމާޒާށް ވާޞިލްވުމަށްޓަކައި މުޅިން އަލަށް އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ވަނީ ޑިޕާޓްމަންޓް އޮފް އިންކުލޫސިވް ޑިޕާޓްމަންޓެއްވެސް އުފައްދާފައެވެ.