English Edition
Dhivehi Edition
ފޮޓޯ: ފެންފުށި ފޭސްބުކް

އދ. ފެންފުށީގައި މޫދުގައި މަރުވެފައި އޮއްވައި ފެނުނީ ފޯނު އަތުލުމުން ދުވެފައި ދިއުމުން ގެއްލިގެން ހޯދަނިކޮށް ކަމަށް އެކުއްޖާގެ އާއިލާއިން މިއަދު ބުނެފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ‘މިހާރު’ އަށް އެކުއްޖާގެ އާއިލާއިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެކުއްޖާއަކީ ހެދިބޮޑުވުމުގައި އުނިކަމެއް ހުންނަ ކުއްޖެއް ކަމަށެވެ. އެގޮތުން ހަތަރު އަހަރުގެ ކުއްޖަކާ ބަލާފައި ވާހަކަ ދެއްކުމުގަ އާއި ދައްކާ ވާހަތައް ދެނެގަތުމުގައި ވެސް ދަތިތަކެއް އެ ކުއްޖާގެ ކިބައިގައި ހުންނަ ކަމަށާއި އެކުއްޖާއަކީ ކުއްލިކުއްލި އަށް ދުއްވައިގަނެ އަތުނުޖެހި މާ ދުރަށް ދާ ކުއްޖެއްކަމަށް އެ އާއިލާއިން ވަނީ ‘މިހާރު’ ނޫހަށް މައުލޫމާތުދީފައެވެ.

މީގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހު ހަތަރު އަހަރު ފުރުނު އެ ފިރިހެން ކުއްޖާ ނަފްސާނީ ޑޮކްޓަރަކަށް ދައްކާ ތެރަޕީވެސް ކޮންމެވެސް ވަރަކަށް ހޯދަމުން އަންނަ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ދަފްތަރުގައި ރަޖިސްޓްރީ ނުކޮށް އެއާއިލާއިން މަޑުކުރަމުން އައީ އެކުއްޖާ އަދި ކުޑަވެފައި ބޮޑުވަމުން އަންނަ އިރު ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަތައް ބަދަލުވުން އެކަށީގެންވާތީ ކަމަށްވެސް އެކުއްޖާގެ އާއިލާއިން ވަނީ ބުނެފައެވެ.

އިއްޔެ ހިނގި ހާދިސާ އާއި ބެހޭގޮތުން އެކުއްޖާގެ އާއިލާއިން ‘މިހާރު’ ނޫހަށް މައުލޫމާތުދިން އެކުއްޖާގެ ބޮޑުދައިތަ ބުނެފައިވަނީ އެ ހާދިސާ ހިނގައިފައިވަނީ އެ ކުއްޖާގެ މަންމަ ފިހާރަޔަކަށް ދިޔަ ވަގުތު ކަމަށާއި ފިހާރަ އަށް ދިޔައީ ކުއްޖާގެ ބައްޕައާ ހަވާލުކޮށްފައިކަމަށެވެ. އަދި އެ ވަގުތު ކުއްޖާގެ ބައްޕަ ފާހާނާ އަށް ވަންނަންވެގެން، ކުއްޖާގެ މާމައާ ހަވާލުކުރީ ކަމަށާއި ކުއްޖާ ދުވެފައި ދިޔައީ ފޯނާ ކުޅެން އިންދައި ފޯނު އަތުލުމުން ކަމަށެވެ. އަދި އެ ކުއްޖާ ދުވެފައި ދިއުމާ އެކު އެ ކުއްޖާ ހޯދަން މުޅި ސަރަހައްދު ބެލި ކަމަށާއި އެކުއްޖާ މޫދުގައި އޮއްވާ ފެނުނީ އެގޭގައި އުޅޭ އެހެން ކުއްޖަކަށް ކަމަށް ވެސް އެކުއްޖާގެ ބޮޑުދައިތަ ބުންޏެވެ. ކުއްޖާގެ މަންމަ ފިހާރައަށް ދިއުމާ އަނބުރާ އައުމާ ދޭތެރޭ ނެގީ 15 ވަރަކަށް މިނެޓް ކަމަށްވެސް އެކުއްޖާގެ ބޮޑުދައިތަ ވަނީ ބުނެފައެވެ.

އިއްޔެ ހިނގި ހާދިސާއާއި ބެހޭގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުން އެކުއްޖާ މޫދުގައި އޮއްވާ ފެނިފައިވަނީ ގެއްލިގެން ހޯދާތާ ގަޑިއިރެއްހާ އިރު ފަހުން ކަމަށާއި ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އެކުއްޖާ އޮތީ މަރުވެފައި ކަމަށެވެ.

އަދި އެ ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައް ފުލުހުން ބަލަމުން އަންނަ ކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.