English Edition
Dhivehi Edition
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު، ރައީސް ސޯލިހުގެ އަރިހުގައި --- ފޮޓޯ: ފެނަކަ

ފެކަނަ ކޯޕަރޭޝަނަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 35 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަންގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެެ.

މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ލިބުނު ސާފު ރިޕޯޓް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓާއި ގުޅިގެން ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ފެނަކައިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން 49 އާ އިންޖީނުގޭގެ މަސައްކަތް މުޅިން އަލަށް ފަށައި، 20 އިންޖީނުގެ އެއްކޮށް ނިންމައި، ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށް، މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒް ކުރެވި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވި، ޙައްލެއް ނުލިބި ޒަމާންވެ ދިގުލައިގެން ގޮސްފައިވާ ނަރުދަމާ ނިޒާމުތަކަށް ޙައްލު ހޯދައިދީ، ރައްކާތެރި ފެނުގެ ޚިދުމަތް ކަށަވަރު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވުނު ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދެ އަހަރު ތެރޭ ކުންފުންޏަށް ލިބޭ ފައިދާ އިތުރު ކުރެވުމަކީ ހިންގުމުގެ ނިޒާމަށް ގެނައި ބަދަލުގެ ހަރުދަނާކަން ފެންނަ ކަމެއް ކަމަށްވެސް ފެނަކަ އިން ވަނީ ބުނެފައެވެ.

އަދި އެކުންފުނިން ވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ދެގޮތެއްނުވެ ދެމިތިބޭނެކަމާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރާ މަސައްކަތްތައް މަޑުޖެހުމެއް ފަސްޖެހުމެއްނެތި އަވަސްމިނުގައި ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ނެރުނު ބަޔާނުގައި ބުނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި ފެނަކަ ކުންފުނީގެ އިސްބޭފުޅުންނަށް ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވިފައިވާއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް ފެނަކައަށް ވަނީ 170 މުއައްޒަފުން ތިން މަސްދުވަހުގެ ތެރޭގައި ވައްދާފައެވެ.